މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިންގ ސްލޮޓް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދިނުން ހުއްޓާލުމަށް މާލޭ ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވާގޮތުން މި ފިޔަވަޅު އަޅަންޖެހުނީ މާލޭގެ މަގުތަކުގައި ޢާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ، މަގުތައް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިވެފައިވާތީ އެވެ.
އަދި އެކި ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް، ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ހައްލުކުރުމަށް މަގުފަހި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.
މި ނިންމުމަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތުގައި މަގުތަކުގައިވާ ޢާންމު ޖާގަތައް ބޭނުން ހިފޭގޮތަށް ކަންކަން ފަހިކުރުމަށް މިހާރު ފަށާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އަޅާ ފިޔަވަޅެއްކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި ނިންމުމާ ގުޅިގެން މާލޭގެ ޕާކިންގ ދަތިކަމަށް އަންނާނެ ބަދަލުތަކާއި، ކުރިންިން ޕާކިންގ ސްލޮޓް ލިބިފައިވާ ފަރާތްތަކަށް ލިބޭނެ ބަދަލުތަކާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ދެއްވާފައެއް ނުވެއެވެ.


