ޓެކްސީގެ ހިދުމަތް ދެވޭނީ އެ ވެހިކަލެއް ޓެކްސީ ސެންޓަރެއްގައިކޮށްގެން ކަމަށް ލާޒިމުވާ ގޮތަށް އަނެއްކާވެސް ގަވާއިދު ބަދަލުކޮށްފި އެވެ.
މިދިޔަ ހަފްތާގައި ޓްރާންސްޕޯޓް މިނިސްޓްރީން ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި އާ އިސްލާހުގައިވާ ގޮތުން ކާރު ޓެކްސީގެ ލައިސެންސް ދޫކުރެވޭނީ އެކަމަށް އެދޭ އުޅަނދަކީ އެ ގަވައިދުގެ 6 ވަނަ މާއްދައިގެ ދަށުން ލައިސެންސް ލިބިފައިވާ ޓެކްސީ ސެންޓަރެއްގައި ލިސްޓު ކޮށްފައިވާ އުޅަނދަކަށްވާ ކަމުގައި ވަނީނަމަ އެވެ.
އެގޮތުން ހިދުމަތުގެ ލައިސަންސް ހޯދަން ހުށަހަޅާއިރު އެކަން އަންގަައިދޭ ލިޔުން ވެސް ހުށަހަޅަން ޖެހޭނެ އެވެ.
މިހާރު އަމަލު ކުރަމުން އަންނަ ގަވައިދުގެ ދަށުން ޕްރައިވެޓް ހަޔާއެއްގެ ގޮތުގައި ޓެކްސީ ސެންޓަރެއްގައި ރެޖިސްޓްރީ ނުކޮށް ވެސް ހިދުމަތް ދެވެ އެވެ.
ޓްރާންސްޕޯޓުން ބުނީ، އާ ގަަވައިދަށް އަމަލު ކުރަން ފެށުމާ އެކު ކުރިން އަމަލު ކުރަމުން އައި އިސްލާހު އުވިގެން ދާނެ ކަމަށެވެ.


