ރައްޔިތުންގެ އުފާވެރިކަމާއި ތަރައްޤީ ގުޅުވައިލުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދާ "މޯލްޑިވްސް ހެޕިނަސް އިންޑެކްސް" އެކުލަވައިލުމުގެ އަތޮޅުތެރޭގެ ފުރަތަމަ މަސައްކަތު ބައްދަލުވުން އިއްޔެ ރޭ އދ. ހަންޏާމީދޫގައި ބާއްވައިފިއެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ރަށްރަށުގެ ހާލަތާއި ރައްޔިތުންނަށް ލިބޭ އުފާވެރިކަން މިންކުރާނެ ގޮތް ދެނެގަނެ، އެ ކަންކަން ކުރިއެރުވުމެވެ.
މިނިސްޓްރީގެ ފަރާތުން އިތުރަށް ވިދާޅުވެފައިވަނީ، "ދިވެހިރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު" މިންކުރުމަށް އެކުލަވައިލެވޭ އޮނިގަނޑު ނުވަތަ ފްރޭމްވޯކަކީ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ގިނަ ފަރާތްތަކަކާ މަޝްވަރާކުރެވިގެން އެކުލަވައިލެވޭ އޮނިގަނޑެއް ހެދުމަކީ މި ބައްދަލުވުމުގެ މުހިންމު އަމާޒެއް ކަމަށެވެ.
މިނިސްޓްރީން ވަނީ ރަށްރަށުގެ ހާލަތާއި އުފާވެރިކަން ރަނގަޅަށް އެނގޭނެ ގޮތަކަށް މި ފްރޭމްވޯކް ތައްޔާރުކުރުމަކީވެސް މުހިންމު ކަމެއް ކަމުގައި ފާހަގަކޮށްފައެވެ.
މި މަސައްކަތު ބައްދަލުވުން ކުރިޔަށް ގެންގޮސްދެއްވާފަ ވަނީ އިސްލާމިކް ޔުނިވާސިޓީގެ ސެންޓާ ފޯ ޕޯސްޓްގްރެޖްއޭޓް ސްޓަޑީސްގެ ޑީން ޑރ. ފާތިމަތު މުނާ އެވެ. މި ބައްދަލުވުމުގައި ހަންޏާމީދޫ ކައުންސިލުގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި، ހަންޏާމީދޫ ކައުންސިލުގެ މުވައްޒަފުންނާއި އަދި އިސްރަށްވެހިންނާއެކު ޖުމްލަ 43 ފަރާތަކުން ބައިވެރިވެފައިވެއެވެ.


