ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން، ކުރިއަށް އޮތް 20 އަހަރަށް ހެދުމުގެ މަސައްކަތް ފެށުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މިކަން ހާމަކުރައްވާފައި ވަނީ މިކަމާގުޅޭ ގޮތުން ވީޑިއޯ މެދުވެރިކޮށް މަޢުލޫމާތު ދެއްވަމުންނެވެ.
އެގޮތުން ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި މި ޕްލޭން ހެދުމުގެ މަސައްކަތް ކުރަމުންދާއިރު އެކަންކުރައްވާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތަށް ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާ ކަމާގުޅޭ އެކިއެކި ތަޖުރިބާކާރުންނާއި އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު ރައްޔިތުން އެދޭގޮތަށް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މި ޕްލޭނަކީ ރައީސް ވަޢުދުވެވަޑައިގެންނެވި ގޮތަށް ޤާނޫނީ ބާރުވެރިކަން ލިބޭ ޕްލޭނަކަށް ހެދުމަށް ޚާއްޞަކޮށް މި ޕްލޭނަށް ޤާނޫނެއްވެސް ހައްދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ހުރިހާ ރަށެއްގައި އަދި ކަމާބެހޭ ހުރިހާ ޖަމިއްޔާ ޖަމާޢަތްތަކާއި ކުޅިވަރުކުޅޭ ފަރާތްތަކާއި ސިޔާސީ އެކިއެކިޕާޓީތަކާއި ޤައުމުގައި ތިބި ކަމުވޮށިގެންވާ އެކިއެކި ފަރާތްތަކާއެކު ވަރަށް ފުޅާދާއިރާއެއްގައި މި ޕްލޭނާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމުގައެވެ.
"މީގެ މަގުސަދަކީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ އެއްކޮށް، ރައްޔިތުން ބޭނުންވާ ގޮތަށް ރާއްޖޭގެ ތަސައްވުރު ކުރިއަށް އޮތް 20 އަހަރު ދުވަހަށް ކަނޑައެޅިގެންދާ ދިޔުމަކީ، ރައްޔިތުންނަށް އެކަމުގެ ޔަގީންކަން އޮންނަ ކަމަކަށް ހެދުން،" އެ މަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުން ވަނީ ދިގު މުއްދަތަކަށް ކުރިއަށްގެންދާ ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް އިއުލާންކޮށްފައެވެ. އޭގެ ތެރެއިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް 20 އަހަރުގެ ޕްލޭނެއް މިދިޔަ ޖެނުއަރީ މަހު ރައީސް އިފުތިތާހުކުރެއްވިއެވެ.
މި ޕްލޭން ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ކެމްޕޭން ތެރޭގައި އަދި އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ ތަރައްޤީގެ ވަޢުދެކެވެ.


