Tuesday, 28 July 2026
ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުންފުނީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފި

ކުންފުނިތަކުގެ ޖަލްސާތައް ބާއްވަންޖެހޭ މުއްދަތު ކުރުކޮށް، ކުންފުނިތަކަށް އައްޔަނުކުރާ ޑިރެކްޓަރުންގެ އަދަދު އިތުރުކުރެވޭ ގޮތަށް، ކުންފުނީގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ކުންފުނިތަކުގެ ގާނޫނަށް އިސްހާލު ހުށަހަޅުއްވާފައިވަނީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރެއެވެ.

މި އިސްލާހަށް ތަޅުމުގައި ބަހުސްކޮށް މަޖިލީހަށް ބަލައިގަނެ، ކޮމިޓީ މަރުހަލާ ވެސް ނިންމާލުމަށް ފަހު، އިސްލާހު ފާސްކުރުމަށްޓަކައި ތަޅުމަށް ހުށަހެޅީ މިއަދެވެ.

މިއަދުގެ ޖަލްސާގައި އެ ބިލު ބަލައިގެންފައި ވަނީ 85 މެންބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

އެ އިސްލާހުގައިވާ ގޮތުން ކުންފުނިތަކުގެ ޖަލްސާ ބޭއްވުމަށް އެދި ލިއުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭން ޖެހޭނެއެވެ. އަދި ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ 10 ދުވަހުގެ ތެރޭ ޖަލްސާ ބާއްވަން ޖެހޭނެއެވެ. އޭގެ އިތުރުން، ކުންފުނިތަކުން ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް ކަނޑައެޅިފައިވާ ދުވަހުގެ މަދުވެގެން ހަތް ދުވަސް ކުރިން ކުންފުނީގެ މެންބަރުން ނޯޓިސް ފޮނުވަން ޖެހޭނެއެވެ.

އިސްލާހުގައި ވާގޮތުން ނަމަ، ސަރުކާރުގެ ކުންފުންޏެއް އުފައްދާ ގާނޫނެއްގައި ނުވަތަ ގަރާރެއްގައި، ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު އިތުރުކުރުމަކަށް ހުރަހެއް ނާޅައެވެ. އޭރުން އެ ކުންފުންޏަކުން ބޭނުންވާ އަދަދަކަށް ޑިރެކްޓަރުން އައްޔަނުކުރެވޭނެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *