ސްރީލަންކާ ކްރިކެޓް ބޯޑުން ނިއުޒިލޭންޑާ ދެކޮޅަށް އަމިއްލަ ޤައުމުގައި ކުޅޭ ޓެސްޓް ސީރީސްއަށް 16 ކުޅުންތެރިންގެ ސްކޮޑެއް އިއުލާނުކޮށްފިއެވެ.
އެގޮތުން ދަނަންޖަޔަ ދެ ސިލްވާ ސްރީލަންކާ ޓީމުގެ ކެޕްޓަންކަންކުރާއިރު، މި ސީރީސްގައި 2 މެޗު ކުޅޭނެއެވެ.
މި ސީރީސް ބާއްވަން ނިންމާފައި މިވަނީ ސްރީލަންކާއިން އިނގިރޭސިވިލާތުގައި ކުޅުނު 3 މެޗުގެ ސީރީސްއެއްގައި 2-1 އިން ބަލިވެފައިވާ ދަނޑިވަޅެއްގައެވެ. އިނގިރޭސިވިލާތާ ދެކޮޅަށް ކުޅުނު ސްކޮޑަށް ސްރީލަންކާއިން މާބޮޑު ބަދަލެއް ގެނެސްފައެއް ނުވެއެވެ. ނަމަވެސް، އޮޝާދަ ފަނާންޑޯ 1 އަހަރަށްވުރެ ގިނަ ދުވަހުގެ ފަހުން ކްރިކެޓަށް އަނބުރާ އައިސްފައިވެއެވެ. މިއީ އިނގިރޭސިވިލާތާ ދެކޮޅަށް ރަނގަޅު ފެންވަރެއް ދައްކާލަން ނުކުޅުނު ޓޮޕް އޯޑަރ ބެޓިންގ ހަރުދަނާކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. ވިކެޓް ކީޕަރ-ބެޓްސްމަން ނިޝާން މަދުޝްކާ އާއި ނިސާލަ ތަރަކާ އަދި ކަސުން ރަޖިތާ ޓީމުގައި ހިމަނާފައެއް ނުވެއެވެ.
އަނެއްކޮޅުން ނިއުޒިލޭންޑަށް މިއަހަރު އަދި އެހާ ރަނގަޅެއް ނޫނެވެ. ޓީ20 ވޯލްޑް ކަޕުން ނިއުޒިލޭންޑް ވަނީ އަވަހަށް ބޭރުވެފައިވެއެވެ. އެމީހުން އިންޑިއާއަށް ދަތުރުކުރީ އަފްޣާނިސްތާނާ ދެކޮޅަށް ކުޅޭ އެއް މެޗުގެ ޓެސްޓް ސީރީސްއަކަށެވެ. ނަމަވެސް، ގްރޭޓަރ ނޮއިޑާ ސްޕޯޓްސް ކޮމްޕްލެކްސް ގްރައުންޑްގައި ވިއްސާރައާއި ދަނޑުގެ ހާލަތު ގޯސްވުމާ ގުޅިގެން މެޗު ނުކުޅެވުނެވެ.


