މަތީ ސާނަވީއާއި ސާނަވީ އިމްތިހާނުތަކުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންގެ އަގު ވަޒަންކޮށް އިނާމު ދިނުމަށް މިއަދު ކުރިއަށްދާ "މަތީ އަރުތަވެރިންގެ އިނާމު" ނުވަތަ ޓޮޕް ޓެން ޖަލްސާ ތިން ދަންފަޅިއަކަށް ބަހާފައިވާއިރު، އެ ތިން ދަންފަޅިވެސް ރައީސް މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިއީ މި ރަސްމިއްޔާތުގެ 3 ދަންފަޅިވެސް (ހެނދުނު، މެންދުރުފަސް، ރޭގަނޑުގެ ދަންފަޅިވެސް) ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވާ ފުރަތަމަ ފަހަރުކަމުގައި ވާތީ މިއީ މިރަސްމިއްޔާތަށް ލިބިގެންދާ ވަރަށް ފުރިހަމަކަމަކާ ޚާއްޞަކަމެއް ކަން ފާހަގަކުރެވެއެެވެ.
މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން މިދިޔަ އަހަރުގެ އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ޤައުމީ ގަދަ 10 ގައި 376 ދަރިވަރުން ހިމެނޭއިރު، ޘާނަވީ އިމްތިހާނުތަކުން ދުނިޔޭގެ ފެންވަރުގައި މަތީ ވަނަ ހޯދި ދަރިވަރުންނާއެކު ޖުމްލަ 441 ދަރިވަރުން ވަނީ އިނާމް ހާސިލްކޮށްފައެވެ.
2022-2023 ވަނަ ދިރާސީ އަހަރު ދިވެހިރާއްޖޭގައި 2849 ދަރިވަރުން މަތީ ސާނަވީ އިމްތިހާން ފުރިހަމަކޮށްފައިވެއެވެ.
އޭލެވެލް ޓޮޕް ޓެންގެ 1 ވަނަ 16 ދަރިވަރަކު ހޯދާފައިވެއެވެ. އެއްވަނައިގައި ހިމެނުނު 16 ދަރިވަރުންގެ ތެރޭގައި ހިމެނެނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ 6 ދަރިވަރުންނާއި ސީއެޗްއެސްއީގެ 6 ދަރިވަރުންގެ އިތުރުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ 4 ދަރިވަރުންނެވެ.
މި ރަސްމިއްޔާތުތަކުގައި ވާހަކަފުޅު ދައްކަވަމުން ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ފާއިތުވިތަނުގައި ސެކެންޑަރީ ގްރޭޑްތަކަށްވުރެ ޕްރައިމަރީ ގްރޭޑްތަކަށް ނިސްބަތުން ފައިސާ ޚަރަދުކުރެވޭ މިންވަރުވެސް މަދުކަމަށާއި، ޒަމާނުއްސުރެން ޕްރައިމަރީ ގްރޭޑަށް ދެވިފައި އޮތް އަހަމިއްޔަތުކަންވެސް ކުޑަކަމަށެވެ. ނަމަވެސް އޭލެވެލްއާއި އޯލެވެލްއިން ރަނގަޅު ނަތީޖާ ހާސިލްކުރެވޭނީ ޕްރައިމަރީ ގްރޭޑުތަކުގެ ނަތީޖާ ރަނގަޅުކުރެވިގެންކަން ފާހަގަކުރައްވާ ވަޒީރު ވަނީ އެކަމަށް ޚާއްޞަ އަހަމިއްޔަތުކަމެއް ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.


