މިނިވަން ނޫސްވެރިކަމަށް ސަރުކާރުން ހުރަސްއަޅާ ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ، އެމްޑީޕީން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ދެމުންގެންދާކަށް ހާމަކޮށް، "އަދަދު" ނޫހައި ޝާއިއުކޮށްފައިވާ ހަބަރާ ގުޅިގެން އެ ނޫހާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ދިން އިންޒާރު ހަރުކަށި އިބާރާތު ކުށްވެރިކޮށް، އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ވަނީ ނޫސްވެރިންނަށް ބިރު ނުދެއްކުމަށް ގޮވާލައިފި އެވެ.
ރައީސް ޑރ. މުޢިއްޒުގެ ފަރާތުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ބަހާކަމަށްބުނެ އަދަދު ނޫހުން ލިޔެފައިިވާ ހަބަރާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެނޫހުން ހިންގި އެ އަމަލު ކަމާބެހޭ ފަރާތަށް ހުށައަޅުއްވާނެ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ނޫސްވެރިކަން ކުރުމާއި ހަބަރާއި މައުލޫމާތު ޝާއިއުކުރުމާއި އެ ހަބަރުތައް ފެތުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ ހައްގެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވިއެވެ.
އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނާގާބިލުކަން ފޮރުވުމަށް ދޮގު މައްޗަށް ދޮގު ހެދި ނަމަވެސް ކަންކަމުގެ ހަގީގަތް ހާމަވާނެ ކަމަށާއި މައުލޫމާތު ހާމަކުރުމާއި ނޫސްވެރިކަމަށް ފުރުސަތު ދިނުމަކީ ހުދުމުހުތާރު ވެރިން ބޭނުންވާ ކަމެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.


