ރާއްޖޭގެ އެއްވެސް ކުޅިވަރު އެސޯސިއޭޝަނަކަށް ސިޔާސީ ނުފޫޒެއް ނުފޯރުވާނެ ކަމަށް މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އަބްދުﷲ ރާފިޢު (ރާއްޕެ) މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ރާފިޢު ވިދާޅުވީ، "އެއްވެސް ކަހަލަ ސިޔާސީ ނުފޫޒެއް އެއްވެސް އެސޯސިއޭޝަނެއްގެ އިންތިޚާބަކަށް އަޅުގަނޑުމެން ނުފޯރުވާނެ ކަމަށާއި އެއީ، އެސޯސިއޭޝަނަކީ އޭގެ ހިންގުން ވެސް އޭގެ ޒާތުގައި އަމިއްލަ މުއައްސަސާއެއްގެ ގޮތުގައި ކުރަން ޖެހޭ ކަމެއް ކަމަށެވެ.
މި އަހަރާއި އަންނަ އަހަރު ރާއްޖޭގެ ގިނަ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް އޮންނާނެއެވެ. ރާއްޖޭގެ ކުޅިވަރު އެކަށީގެންވާ ވަރަށް ކުރިނާރާ ސަބަބަކީ ސިޔާސީ ނުފޫޒާއި ކޮރަޕްޝަނާއި އެ ފަދަ ކަންކަމާ ހެދި ކަމަށް ގިނަ ބަޔަކު ބުނެއެވެ. މި ހުރިހާ ވާހަކަތަކެއް ގުޅިފައި އޮންނަނީ، ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތަކާއެވެ.
މިނިސްޓަރ ރާފިޢުގެ މި ބަސްފުޅުތަކުން ފާހަގަކުރެވެނީ، ކުރިއަށް އޮތް އެސޯސިއޭޝަންތަކުގެ އިންތިޚާބުތަކުގައި ސަރުކާރުގެ ފަރާތުން އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމެވެ. މިއީ ރާއްޖޭގެ ކުޅިވަރު ދާއިރާގެ މިނިވަންކަމަށް ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެއެވެ.


