މުންބާއީ، 10 ސެޕްޓަމްބަރ 2024 – ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ އަބްދުﷲ މުއްޠަލިބު އާއި އިންޑިއާގެ ހައި ކޮމިޝަނަރ މުނު މަހާވަރު މިއަދު މުންބާއީގައި ބައްދަލުކޮށް، ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ 12 ވަނަ މުރާޖަޢާ ބައްދަލުވުން ބާއްވައިފިއެވެ.
އިންޑިއާގެ ހައި ކޮމިޝަންގެ ރަސްމީ ޓްވިޓަރ އެކައުންޓުން މިކަން ހާމަކޮށްފައިވެއެވެ. ޓްވީޓްގައި ބުނެފައިވަނީ ހައި ކޮމިޝަނަރ މުނު މަހާވަރު، މިނިސްޓަރ އަބްދުﷲ މުއްޠަލިބަށް މަރުޙަބާ ދަންނަވައި، މުންބާއީގެ ވިދޭޝް ބަވަންގައި ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ 12 ވަނަ މުރާޖަޢާ ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ.
As co-chair, HC @AmbMunu welcomed HE Minister @muththo to hold the 12th review meeting of Greater Male Connectivity Project at Videsh Bhavan, Mumbai. This is the first time the meeting is held in India. 1/2 pic.twitter.com/8J2sdiadzn
— India in Maldives (@HCIMaldives) September 10, 2024
މިއީ މި ޕްރޮޖެކްޓްގެ މުރާޖަޢާ ބައްދަލުވުމެއް އިންޑިއާގައި ބޭއްވުނު ފުރަތަމަ ފަހަރެވެ. ބައްދަލުވުމުގައި ދެ ފަރާތުން މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާ މިންވަރާ ބެހޭގޮތުން މަޝްވަރާކޮށް، ޕްރޮޖެކްޓްގެ މަސައްކަތް އަވަސް ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވާހަކަދައްކާފައިވާކަމަށް ހައި ކޮމިޝަންގެ ޓްވީޓްގައި ބުނެފައިވެއެވެ.
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ މާލެ އާއި ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 6.74 ކިލޯމީޓަރުގެ ބްރިޖެއް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.


