މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނު ކުރި މައްސަލައާ ގުޅިގެން ފުލުހުންގެ ހުއްޔަރުގައި ހުއްޓައި ދަންޖެހުނު އާދަމް އަތުހަރު، ދަންޖެހުމަށް މަސައްކަތްކުރާ މަންޒަރު ފެންނަ ޖަލު ގޮޅީގެ ވީޑިއޯ ނޫސްވެރިންނަށް ދައްކައިފިއެވެ.
ދާޚިލީ ސަލާމާތާއި ފަންނިއްޔާތާއިބެހޭ ވުޒާރާއިން ހަމައެކަނި ނޫސްވެރިންނަށް ޚާއްސަކޮށްގެން އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ވަނީ އަތުހަރު މަރުވުމުގެ ކުރިން ދޫނިދޫ ޖަލުގައި އޭނާ ހުރިއިރު ކަން ހިންގާފައިވާ ގޮތް ފެންނަ ފުޓޭޖްތައް ދައްކާލާފައެވެ. މީގެ އިތުރުން އަންހެނަކު ރަހީނުކޮށްގެން އުޅުނު ވަގުތު އޭނާއާއި ފުލުހުން މުޢާމަލާތު ކުރަން މަސައްކަތް ކުރާ ވީޑިއޯއެއްވެސް ވަނީ ދައްކާފައެވެ. ނޫސްވެރިންނަށް ވީޑިއޯތައް ދެއްކުމުގެ ކުރިން އޭނާގެ އާއިލާއަށްވެސް އެވީޑިއޯތައްވަނީ ދައްކާލާފައެވެ.
ފުލުހުން ދެއްކީ އެޑިޓް ވެސް ނުކޮށް ފްޓޭޖުގެ ރޯފައިލެވެ. އެއީ 30 މިނެޓަށްވުރެ ދިގު ފުޓޭޖެކެވެ. އެ ފުޓޭޖުން އަތުހަރު ދަންޖެހުމަށް މަސައްކަތްކުރާ މަންޒަރާއި ފުލުހުން އެ ގޮޅިއަށް ވަދެ އަތުހަރު ސްޓްރެޗާއަކަށް ލައިގެން ދޫނިދޫ ކްލިނިކަށް ގެންދާ މަންޒަރު ފެނެއެވެ.
ފުލުހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އަތުހަރު މަރުވީ މިއަދު 16:08 ހާއިރު ކަމަށް އައިޖީއެމްއެޗުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މިބައްދަލުވުމުގައި ބައިވެވެވަޑައިގެން ދާޚިލީ ވަޒީރު ވަނީ މިކަމާއިގުޅޭ ވަކި 3 ތަހުޤީޤެއް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކަންހިންގައިދިޔަ ގޮތް ފުލުހުންނާ، ހިއުމަން ރައިޓްސް ކޮމިޝަން އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ބަލާނެ ކަމަށް ވިދާޅުވިއެވެ. އަދި މި މަންޒަރުތައް ބައިނަލްއަޤްވާމީ ފަރާތަކުން އެދިލައްވައިފިނަމަ ފޯރުކޮށްދޭން ތައްޔާރަށްތިބިކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރު އިޙްސާން އިތުރަށް ވިދާޅުވީ، ފަހަކަށްއައިސް ބަނދުގައި ހުއްޓާ މީހަކު މަރުވެއްޖެނަމަ ޢާއިލާއާއި ހަށިގަނޑު ހަވާލުކުރުމުގެ ކުރިން އޮޓޮޕްސީ ހެދުން އުސޫލެއްގެ ގޮތުންކުރަމުންގެންދާކަމަށެވެ. އެގޮތަށް ޢަމަލުކުރަނީ ޖަވާބުދާރީވުމުގެ ގޮތުންކަމަށް މީގެކުރިންވެސް ވަޒީރުވަނީ ވިދާޅުވެފައެވެ.


