Tuesday, 28 July 2026

ސަރުކާރުން އިތުރު ބަހަނާތަކެއް ނުދައްކައި އިގްތިސާދު ރަނގަޅުކުރުމަށް ގޮވާލައިފި

ސަރުކާރުން އިތުރު ބަހަނާ ނުދައްކައި އިގްތިސާދު ހަރުދަނާ ކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.

އެ ޕާޓީން ރޭ ނެރުނު ނޫސް ބަޔާނެއްގައިވަނީ ވޭތުވެދިޔަ ތިން މަހުގެ ތެރޭގައި ދެވަނަ ފަހަރަށް، އަދި އެއްފަހަރާ ތިން ދަރަޖަ ތިރިއަށް، ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިއީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ ރޭޓިން ފިޗް އިން ދަށްކުރި ދެވަނަ ފަހަރެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތަށް ބެލުމަށްފަހު މިދިޔަ ޖޫން މަހު ފިޗް އިން ރާއްޖޭގެ ރޭޓިން އޭރު ދަށްކުރީ "ސީސީސީ ޕްލަސް" ގައެވެ.

އެ ބަޔާނުގައިވަނީ މިދިޔަ ރިޔާސީ އިންތިޚާބަށް ފަހު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައި ނުވުމަކީ އެމްޑީޕީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ބައިނަލްއަގުވާމީ އިދާރާތަކުގެ އިތުބާރު އޮތް ކަމާއި، އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން އެ އިދާރާތަކަށް އޮތްކަން ދައްކުވައިދޭ ކަމެއް ކަމަށް ބުނެފައެވެ.

އެހެން ނަމަވެސް މިދިޔަ ތިން މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ރާއްޖޭގެ ރޭޓިން ދަށް ކުރުމަކީ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން މާލީ ހާލަތު އިންތިހާއަށް ގޯސްވަމުންދާކަން ދައްކުވައިދޭ ކަމެއް ކަމަށް އެމްޑީޕީން ބުނެއެވެ.

މާލީ ހާލަތު ގޯސްވަމުންދާކަން ރަމްޒުކޮށްދޭ ކަންކަމުގެ ތެރޭގައި ދައުލަތުގެ ހަރަދު ބޮޑުވުމާއި، މާލީ އިސްލާހުތައް ލަސްކުރުމާއި، ރާއްޖޭގެ ރަސްމީ ރިޒާވް މެނޭޖްނުކުރެވި ދަށަށް ދިއުމާއި، ބޭރުން ފައިސާ ހޯދުމަށް ނުކުޅެދިފައިވުން ހިމެނޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.

"ފިޗް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމަށް ނިންމި ނިންމުމުން އިގްތިސާދީ ގޮތުން ކަންބޮޑުވާންޖެހޭ އެތައް ކަމެއް ފާހަގަކޮށްފައިވެ އެވެ. ފިޗްއިން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ބޭރު ފައިސާގެ ރިޒާވް ބޮޑު ތަނުން ދަށަށް ދިއުމާއި ބޭރުގެ ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާގެ މިންވަރު އިތުރުވުން ހިމެނެ އެވެ. ނަމަވެސް މި ޕާޓީން ދެކޭގޮތުގައި މި މައްސަލަތަކާ ގުޅުންހުރި ކަންކަން ދެނެގަތުމަކީ މި ހާލަތުގެ ނުރައްކާތެރިކަން ވަޒަންކުރުމަށް ވަރަށް މުހިއްމު ކަމެކެވެ،" ބަޔާނުގައިވެ އެވެ.

އެމްޑީޕީން މި އިގްތިސާދީ ނުރައްކާތައް ކުޑަކުރުމަށް ވަގުތުން ފިޔަވަޅު އަޅަން ފެށުމަށް ސަރުކާރަށް ގޮވާލައިފައެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި:

  • ބޭކާރު ޚަރަދުތައް ހުއްޓައިލުން، މި ވަގުތަށް މުހިންމު ނޫން ހުރިހާ ޚަރަދުތައް މަދުކުރުން
  • މާލީ އިސްލާހުތައް ނުވަތަ ފިސްކަލް ރިފޯމް އަވަސް ކުރުން
  • އަދި ރަހުމަތްތެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ އިދާރާތަކުގެ އެހީތެރިކަން ހޯދައި، އަވަސް ގޮތެއްގައި ރާއްޖޭގެ ރިޒާވް ސަޕޯޓްކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުން
  • ދައުލަތުގެ މާލީ ހިސާބުތައް ޢާންމު ކުރުމަށް އަލުން ފެށުން

ކްރެޑިޓް ރޭޓިން މަތިވާނެ ކަންކަމުގެ ގޮތުގައި ފިޗުން ފާހަގަކޮށްފައިވަނީ ބޭރުގެ ފައިނޭންސް ހޯދުމާއި މާލީ އިސްލާހުތައް ގެނައުމުގައި ފާހަގަކުރެވޭ ކުރިއެރުން ހޯދުމެވެ. އެކަންކަމަށް އިޝާރާތްކޮށް އެމްޑީޕީން ވަނީ އެ ކަންކަން ލަސްނުކޮށް ކުރުން މުހިއްމު ކަމަށްވެސް ބުނެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *