Tuesday, 28 July 2026

ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރު ކުރަމުންދިޔަ 15 ބިދޭސީން ހައްޔަރުކޮށްފި

މާލޭގައި ގަވާއިދާ ހިލާފަށް ބިދޭސީންތަކެއް ހިންގަމުން އައި ސާފުތާހިރުކަން ކުޑަ ބަދިގެ އެއް ބަލައި ފާސްކޮށް 15 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ގަވާއިދާ ހިލާފަށް އެއްވެސް ސާފުތާހިރުކަމެއް ނެތި، ބިދޭސީން ރާއްޖޭގައި ކުރަމުންދާ ވިޔަފާރިއަކާ ގުޅިގެން ޓާސްކު ފޯސްއަށް ލިބިފައިވާ މައުލޫމާތަކާއެކު، އިއްޔެ ހ. ބިއަންކާ ވަނީ ބަލައި ފާސްކޮށްފައެވެ.

"އަދި މިތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ 15 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައި" އިމިގްރޭޝަންގެ ޕޯސްޓުގައި ބުންޏެވެ. އިމިގްރޭޝަނުން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެތަނަކީ ކާބޯތަކެތި ތައްޔާރުކުރުމުގެ އިތުރުން ކާބޯތަކެތި ޑެލިވަރީވެސް ކުރާ ތަނެކެވެ.

އެ ރެއިޑުގައި އިކޮނޮމިކް މިނިސްޓްރީ އާއި ފުލުހުންނާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބައިވެރިވި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ގަވައިދާ ހިލާފަށް ހިންގަމުން އަންނަ ތަންތަން ބަލައިފާސްކުރުމަށް އިމިގްރޭޝަނުން ވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފަ އެވެ. ބަލައިފާސްކުރާ ގިނަ ތަންތަނަކީ ކާާތަކެތި ތައްޔާރުކުރާ ތަންތަނެވެ. ފިހާރަތަކަށް ވިއްކާ ކާބޯތަކެތިވެސް އެތަންތަނުގައި ތައްޔާރުކުރެ އެވެ. އެގޮތަށް ފެންނަ ތަކެތީގެ ފޮޓޯ ހިއްސާކޮށް ކާތަކެތި ގަންނައިރު ސަމާލުވާން އިމިގްރޭޝަނުން ދަނީ އިލްތިމާސް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *