Tuesday, 28 July 2026
ބަންގްލަދޭޝަށް ވަގަށް ގެންދަން އުޅެނިކޮށް އަތުލައިގެން ޑޮލަރުތައް

ކޯންފްލެކްސް ފޮށްޓެއްގެ ތެރޭގައި ފޮރުވައިގެން ބޭރުކުރަން އުޅުނު 81،030 ޑޮލަރު ހިފަހައްޓައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ބަންގްލަދޭޝްގެ ވެރިރަށަށް ފުރަން އުޅުނު ބަންގަލަދޭޝްގެ މީހެއްގެ ލަގެޖުގައި ފޮރުވައިގެން ނަގުދު ފައިސާގެ ގޮތުގައި ބޭރުކުރަން އުޅުނު 81،000 އަށްވުރެ ގިނަ ޑޮލަރު ހިފަހައްޓައިފި އެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެއިން ބަންގްލަދޭޝްގެ ޑާކާއަށް ފުރަން އުޅުނު ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖްގައި ފޮރުވައިގެން ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81،030 ޑޮލަރު އަތުލައިގެންފައިވާ ކަމަށެވެ.

އަދި ހައްޔަރުކުރި މީހާ ކަމާ ބެހޭ ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް ސެކިއުރިޓީ ކޮމާންޑުން ބުންޏެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އެ ބިދޭސީ މީހާ އެ ޑޮލަރުތައް ގެންދަން އުޅުނީ ކޯންފްލެކްސް ފޮށްޓެއްގެ ތެރެއަށް އަޅައިގެންނެވެ. އަދި އެ ޑޮލަރު ބޮނޑިތަކުގައި ހުރީ އެކި މީހުންގެ ނަންތަކެއް ވެސް ލިޔެފަ އެވެ.

ވަކި އަދަދަކަށް ވުރެ ގިނައިން ރާއްޖެއިން ބޭރަށް ފައިސާ ގެންދާނަމަ، އެ ފައިސާ ހޯދިގޮތުގެ ތަފްސީލު ހާމަކުރަންޖެހޭ ގޮތަށް ކަސްޓަމްސްގެ އުސޫލު ދާދި ފަހުން ވަނީ އިސްލާހުކޮށްފަ އެވެ.

އުސޫލަށް ގެނައި ބަދަލުގައިވާ ގޮތުން 10،000 ޑޮލަރަށް ވުރެ އިތުރަށް، ރާއްޖެއިން ބޭރަށް ފައިސާ ގެންދާނަމަ އެ ފައިސާގެ ހޯދިގޮތް ހާމަކުރަން ޖެހޭނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *