Wednesday, 28 October 2026

ގްލޯބަލް ސައުތުގެ ތިންވަނަ ސަމިޓުގެ ފޮރިން މިނިސްޓަރުންގެ ސެޝަންގައި މިނިސްޓަރ ޒަމީރު ވާހަކަފުޅު ދައްކަވައިފި

އިންޑިއާ ސަރުކާރުން މިއަދު ވާރޗުއަލްކޮށް ބޭއްވި ގްލޯބަލް ސައުތުގެ ތިންވަނަ ސަމިޓުގެ ފޮރިން މިނިސްޓަރުންގެ ސެޝަންގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ވާހަކަފުޅު ދައްކަވައިފިއެވެ. މި ސެޝަން ބޭއްވުނީ "ގްލޯބަލް ސައުތަށް އައު ނަމޫނާއެއް އެކުލަވާލުން" މި ޝިޢާރުގެ ދަށުންނެވެ.

މިނިސްޓަރ ޒަމީރުގެ ވާހަކަފުޅުގައި، އިންޑިއާއިން ޖީ20ގެ ރިޔާސަތުގައި ދައްކުވައިދެއްވި ފާހަގަކޮށްލެވޭ ލީޑަރޝިޕަށާއި، ޖީ20 ޤައުމުތަކަށާއި ގްލޯބަލް ސައުތަށް އޭގެ ހެޔޮ އަސަރު ފޯރާފައިވާ އިސްނެގުންތަކަށް ތަޢުރީފު ކުރެއްވިއެވެ. ދަރަނީގެ ޒިންމާތަކަކީ ދެމެހެއްޓެނިވި ތަރައްޤީއަށް، ޚާއްޞަކޮށް ކާރިސާތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށް ހުރަހަކަށްވާ ކަމެއްކަން ފާހަގަކުރައްވައި، ލުއި ލޯނު ނުވަތަ ދަރަނީގެ އެހީ ހޯދުމަށް ހުރަސްއަޅާ ގިނަ ފަރާތްތަކުގެ އޮނިގަނޑުތަކާ މެދު އަވަސް ފިޔަވަޅު އަޅަންޖެހޭކަން ވިދާޅުވިއެވެ.

އޭގެ އިތުރުން، ކުދި ޖަޒީރާ ޤައުމުތަކަށާއި، ގްލޯބަލް ސައުތަށާއި، މުޅި ދުނިޔެއަށް ބޭނުންވާ އަދި ޙައްޤުވާ މޫސުމީ އިންސާފު ހޯދައިދިނުމުގެ މުހިންމުކަމާއި އަވަސްކަން ފާހަގަކުރެއްވިއެވެ. އަދި ގްލޯބަލް ސައުތުގެ ތަރައްޤީގެ މަގު އަލުން ކަނޑައެޅުމަށާއި ޙާޞިލުކުރުމަށް ބޭނުންވާ ޑިޖިޓަލް ވަސީލަތްތައް ހަމަހަމަކަމާއެކު ލިބިދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ވާހަކަފުޅު ނިންމަވާލައްވަމުން މިނިސްޓަރ ޒަމީރު ވަނީ ދެކުނުގެ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރުމަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ދިމާއަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވެފައެވެ.

ގްލޯބަލް ސައުތުގެ އަޑު" ސަމިޓަކީ އިންޑިއާއިން އެ ޤައުމުގެ ޖީ20 ރައީސްކަމުގެ ދައުރުގައި ކުރިއަށް ގެންދިޔަ މުބާދަރާއެކެވެ. މި މުބާދަރާގެ މަޤްޞަދަކީ ޖީ20 ގައި މެމްބަރުކަން ނެތް ޤައުމުތަކަށް، ޚާއްޞަކޮށް ގްލޯބަލް ސައުތުގެ ޤައުމުތަކަށް މަންސަ ހޯދައިދިނުމެވެ. ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީ އިފްތިތާޙުކުރެއްވި މި އެއް ދުވަހުގެ ސަމިޓުގައި މިނިސްޓަރުންގެ ފެންވަރުގައި 10 ތީމެޓިކް ސެޝަން ވަނީ ހިމަނާފައެވެ. މި ސަމިޓުގައި ބޭރުގެ ވަޒީރުންގެ ސެޝަން ރިޔާސަތު ބެލެހެއްޓެވީ އިންޑިއާގެ ބޭރުގެ ކަންކަމާބެހޭ ވަޒީރު ޑރ. އެސް. ޖައިޝަންކަރެވެ. މި ސެޝަންގައި ބްރޫނާއި، ކެމްބޯޑިއާ، ކިއުބާ، އިރާޤު، ލާއޯ ޕީޑީއާރު، ލެސޯތޯ، މެލޭޝިއާ، ޕަޕުއާ ނިއު ގިނީ، ޕަނާމާ، ސޮލޮމަން އައިލެންޑްސް، ތަޖިކިސްތާން، ތުރުކުމެނިސްތާން އަދި ޓުވާލޫގެ ބޭރުގެ ވަޒީރުން ބައިވެރިވެވަޑައިގަތެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *