Wednesday, 28 October 2026

ކުޅުދުއްފުށީގެ 50 އަށް ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުންވެއްޖެ

ރޭ ކުރި ވިއްސާރާގައި އުތުރުގެ 3 އަތޮޅުގެ ބައެއް ރަށްރަށުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށް ގެއްލުން ލިބިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.

ހއ.، ހދ. އަދި ށ. އަތޮޅަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން އެ ސަރަހަދަށް ރޭ ވަނީ އޮރެންޖު އެލާޓް ނެރެފަ އެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވީ ހއ، ހދ އަދި ށ އަތޮޅަށް ރޭ ކުރި ވިއްސާރާގައި ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ސަބަބުން ގެތަކަށް ފެން ވަދެ، ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އެގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކުޅުދުއްފުށި ސިޓީއަށްކަމަށާއި، އެ ސިޓީގެ 57 ގެއަކަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވާކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއްވައެެވެ. އަދި 5 ގެއެއްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާފައިވާކަމަށްވެސް އެންޑީއެމްއޭއިން ވިދާޅުވެއެވެ.

ކުޅުދުއްފުށި ސިޓީގެ އިތުރުން، ހއ.ހޯރަފުށީގެ 2 ގެއަކަށް, ށ.ފީވަކުގެ 5 ގެއަކަށް އަދި ށ.ނޫމަރާގެ 5 ގެއަކަށްވެސް ފެން ވަދެގެން، ގެއްލުންތައް ލިބިފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.

އިއްޔެ ހަވީރު 3 އިން ރޭ ފަތިހު 4 ޖަހަންދެން މެދުނުކެނޑި ކުޅުދުއްފުއްޓަށް ވަނީ ވާރޭ ވެހިފައެވެ. އަދި އޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ބައެއް ގެތަކުގައި ބޭނުންކުރާ ފަރުނީޗަރާއި ހިފާ ގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *