ސާފުތާހިރުކަން ކުޑަ ތަނެއްގައި ފޯއް ކޮށައި، ބަންދުކޮށްގެން ވިއްކަމުންދިޔަ ބިދޭސީންތަކެއް އިއްޔެ އަތުލައިގަނެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލުން ހިއްސާކުރި މައުލޫމާތާ ގުޅިގެން އިއްޔެ ހިންގި ރެއިޑެއްގައި މ. ރީތި އޯކިޑްގެ ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި ރެއިޑް އޮޕަރޭޝަނުގައި ބެލިއިރު އެ ގޭތެރޭގައި އެ މީހުން ދިޔައީ ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގަމުންނެވެ.
އެ ތަނަކީ ފޯއް ތައްޔާރުކޮށް، އޭގެ ވިޔަފާރިކުރި ތަނެއްކަން ފާހަގަކޮށް އިމިގްރޭޝަނުން ބުނީ އެ ތަނުގެ ސާފުތާހިރުކަން އިންތިހާއަށް ދަށްވުމުން ކަމާ ބެހޭ އިދާރާތަކަށް އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން އާއްމުކުރި ފޮޓޯތަކުން ވެސް ފެންނަ ގޮތުގައި ކޮށާފައި ހުރި ފޯއް ފުންޏެއް ތަށިމުށި މަތީގައި ހުރި އިރު ހެދުމާއި އެހެން ސާމާނުތައް ވެސް އެތަނުގައި ބަހައްޓާފައި ހުއްޓެވެ. ފާހާނާއެއްގެ ދޮރުމަތީގައި ގޯންޏެއް އަޅައި ފޯއް ހިއްކަން ބަހައްޓާފައި ހުރި މަންޒަރު ވެސް ފޮޓޯތަކުން ފެނެ އެވެ.
އެ ގޭ ތެރޭގައި ވެސް ފޯއްތައް ހުރީ މުޑުދާރުކޮށް އުކާލައިފައެވެ. އެ މަތިން އެ މީހުން ބޭނުންކުރާ އަންނައުނު ހިއްކަން އަޅާފައި ހުރި ތަން ވެސް ފެނެއެވެ.
އިމިގްރޭޝަނުން ބުނީ އިއްޔެގެ އޮޕަރޭޝަނުގައި، އެސްއެމްއީ ހަބްގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން ދިޔަ ބަޔަކު ވެސް ހުއްޓުވި ކަމަށެވެ. އިއްޔެ "އިމިގްރޭޝަން ވޮޗް"އަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެތަން ބަލައި ފާސްކޮށް ތިން މީހަކު ވަނީ އަތުލައިގެންފަ އެވެ.
އިމިގްރޭޝަނުން މީގެ ކުރިން ވެސް ވަނީ މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކޮށް ބޭނުންކުރަމުން އައި ބިދޭސީން އަތުލައިގެންފައެވެ.


