އިންޑިއާގެ ދެކުނުގެ ކެރެލާ ސްޓޭޓްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 151 މީހުން މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މޫސުމާ ބެހޭ އޮފިޝަލުން މިއަދު ބުނީ އަންގާރަ ދުވަހުގެ ފަތިހު ވައިނާޑް ޑިސްޓްރިކްޓްގެ ފަރުބަދަތަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާގައި 1،000 އެއްހާ މީހުން ސަލާމަތްކޮށްފައިވާ ކަމަށާއި އަދިވެސް 187 މީހުން ނުފެންނަ ކަމަށެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ވަނީ އެންމެ ބޮޑަށް ގެއްލުން ލިބުނު މުންޑައްކައި ސަރަހައްދާއި އެންމެ ކައިރީގައި އޮންނަ ޗޫރަލްމަލާ އަވަށާ ގުޅުވައިދޭ މައި ބްރިޖް އޮޔާ ދިއުމާ ގުޅިގެން އެހެން ބްރިޖެއް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައެވެ.
މުންޑައްކައި އަކީ ކާރިސާތައް ވަރަށް ބޮޑަށް ކުރިމަތިވާ ސަރަހައްދެކެވެ. އެހެންނަމަވެސް، 6 ކިލޯމީޓަރު (3.7 މޭލު) ދުރުގައި ވާ ޗޫރަލްމަލާ އަވަށަށް މި ހާދިސާގައި އަރާފައިވަނީ، އޮޔާދާ ފަސްގަނޑާއި، ހިރަފުހާއި ހިލައެވެ.
ފުލުސް އޮފިސަރު އައިޖާޒް ވިދާޅުވީ، ޗަކަ އާއި ކުނީގެ ދަށުގައި ތާށިވެފައި ތިބި 300 އަށް ވުރެ ގިނަ މީހުން ނެރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ މީހުންގެ މަސައްކަތަށް ހުރަސް އެޅީ ވަރަށް ބޯކޮށް ވާރޭވެހި، މަގުތައް ބަންދުވުމުގެ ސަބަބުން ކަމަށެވެ. މި ހާދިސާގައި ގާތްގަނޑަކަށް 350 ގެއަކަށް ވަނީ ގެއްލުންވެފަ އެވެ.
ވައިނާޑް ޑިސްޓްރިކްޓްގެ ފުރަތަމަ ބިންގަނޑު ކަނޑައިގެން ގޮސްފައިވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 2:30 ހާއިރުއެވެ. އަދި އޭގެ ދެ ގަޑިއިރު ފަހުން އަނެއްކާވެސް ބިންގަނޑު ކަނޑައިގެން ގޮސްފައިވެއެވެ.
އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ޓީ އެސްޓޭޓްގައި މަސައްކަތް ކުރާ މީހުންނެވެ. ޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި ރެސްކިއު ވޯކަރުން ޗަކަ އާއި ވެރިފައިވާ ގަސްތަކުގެ ތެރެއިން ތާށިވެފައި ތިބި މީހުންނާ ހަމައަށް ވާސިލްވާން މަސައްކަތް ކުރަމުންދެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށާއި މަރުވި މީހުންގެ އާއިލާތަކަށް ދެ ލައްކަ ރުޕީސް (2،388 ޑޮލަރު) ގެ ބަދަލެއް ދޭން ނިންމާފައިވާ ކަމަށެވެ.


