Tuesday, 28 July 2026
ފޮޓޯ: ބީބީސީ

ނޭޕާލްގައި މަތިންދާބޯޓެއް ވެއްޓި 18 މީހުން މަރުވެއްޖެ

ނޭޕާލްގެ ވެރިރަށް ކަތުމަންޑޫއިން ފުރަން އުޅުނު މަތިންދާބޯޓެއް ވެއްޓި އަލިފާން ރޯވެ 18 މީހުން މަރުވެއްޖެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މަތިންދާބޯޓުން ސަލާމަތްވެފައިވަނީ ޕައިލެޓް އެކަންޏެވެ. އޭނާއަށް މިހާރު އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

ސައުރިޔާ އެއާލައިންސްގެ ޓެސްޓް ފްލައިޓުގައި 19 މީހުން ތިބި އިރު އޭގެ ތެރޭގައި އެ އެއާލައިނުގެ ޓެކްނިކަލް ސްޓާފުންނާއި ދެ ފަޅުވެރިން ހިމެނެ އެވެ.

ނޭޕާލް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސާޗް އެންޑް ރެސްކިއު ކޯޑިނޭޝަން ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ ޓްރިބުވަން އިންޓަނޭޝަނަލް އެއާޕޯޓުން މަތިންދާބޯޓު ފުރިތާ ކުޑަ އިރުކޮޅެއް ފަހުން ނޭޕާލް ގަޑިން 11:15 ހާއިރު ކަމަށެވެ. އިއްޔެ ސޯރިޔާ އެއާލައިންސްގެ ޓެސްޓް ފްލައިޓް ދަތުރުކުރަމުން ދިޔައީ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއް ކަމަށްވާ ޕޮކަރާ އަށެވެ.

އެއާޕޯޓުގެ ޗީފް ޖަގަނަތު ނިރައުލާ  އާއި ހަވާލާދީ ބީބީސީން ބުނީީ އެކްސިޑެންޓް ހިނގަން މެދުވެރިވީ "ބިންމަތިން ވައިގެތެރެޔަށް އުދުއްސާލިތާ އެންމެ މިނެޓެއްގެ ތެރޭގައި" ކަމަށާއި ނަމަވެސް އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އެއާޕޯޓުގެ ކަމާބެހޭ ފަރާތްތަކަށް ކަށަވަރު ކޮށްދެވިފައި ނުވާ ކަމަށެވެ.

ނަމަވެސް ޓްރިބުވަން އިންޓަނޭޝަނަލް އެއާޕޯޓުގެ އިސްވެރިޔާ ވިދާޅުވީ އިބްތިދާއީ އެސެސްމަންޓުން އެނގުނީ މަތިންދާބޯޓު އުދުހިފައި ވަނީ ގޯސް ދިމާލަކަށް ކަމަށެވެ.

މަތިންދާބޯޓުގެ ގިނަ އެކްސިޑެންޓުތަކެއް މީގެކުރިންވެސް ހިނގާފައިވާ ނޭޕާލްގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތަކީ ރައްކާތެރިކަމުގެ ރެކޯޑް ދަށް ސިނާއަތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *