Monday, 26 October 2026
ފޮޓޯ: ޑެއިލީ ސަބާ

ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި މީހުންގެ ޝަރީއަތް ހިންގަން ޔޫއޭއީއިން އަމުރުކޮށްފި

ދުބާއީ – ގަލްފުގެ އެކި ކަންކޮޅުތަކުގައި އަމިއްލަ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުން ދަނިކޮށް ހައްޔަރުކުރި ބަންގްލަދޭޝް މީހުންގެ މައްސަލަ ތަހުގީގުކޮށް ޝަރީއަތް އަވަސް ކުރަން އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން އަންގައިފި އެވެ.

ޔޫއޭއީގައި މި މުޒާހަރާތައް ފަށާފައި މިވަނީ 1971 ވަނަ އަހަރު ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގައި ހަނގުރާމަކުރި ކުރީގެ ސިފައިންގެ ގާތް ތިމާގެ މީހުންނަށް ސަރުކާރުގެ ވަޒީފާގެ 30 އިންސައްތަ ހާއްސަކުރާ ކޯޓާ ސިސްޓަމާ ދެކޮޅަށް ބަންގްލަދޭޝްގައި ހަފުތާތަކެއް ވަންދެން މުޒާހަރާ ކުރަމުން ދަނިކޮށެވެ. އާދީއްތަ ދުވަހު އެގައުމުގެ އެންމެ މަތީ ކޯޓުން ވަނީ އެ ނިޒާމަށް ރައްދު ދީ، ދަރިވަރުންގެ މުޒާހަރާގެ ބައިވެރިންނަށް ބޮޑު ކާމިޔާބީއެއް ހޯދައިދީފަ އެވެ.

ޔޫއޭއީގެ އެޓާނީ ޖެނެރަލްގެ އޮފީހުން ހޮނިހިރު ދުވަހު ބަންގްލަދޭޝް މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ "އާންމު ތަނަކަށް އެއްވެ ހަމަނުޖެހުން އުފެއްދުމުގެ މަގުސަދުގައި އަމިއްލަ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމާއި، ގާނޫނު ތަންފީޒު ކުރުމަށް ހުރަސް އެޅުމާއި، އެހެން މީހުންނަށް ގެއްލުން ދިނުމާއި މުދަލަށް ގެއްލުން ދިނުން" ފަދަ އެތައް ތުހުމަތެއްގައި ކަމަށް ޔޫއޭއީގެ ސަރުކާރު ހިއްސާވާ އެމިރޭޓްސް ނިއުސް އެޖެންސީ، ވެމް އިން ބުނެފައި ވެއެވެ.

"އިބްތިދާއީ ތަހުގީގީ ނަތީޖާގެ މައްޗަށް ބިނާކޮށް ޕަބްލިކް ޕްރޮސެކިއުޝަނުން ވަނީ އިތުރު ތަހުގީގެއް ނިމެންދެން އެ މީހުން ޝަރީއަތުގެ ކުރިން ބަންދުގައި ބެހެއްޓުމަށް އަންގާފައި،" ވެމް އިން ބުންޏެވެ.

ނަމަވެސް ހައްޔަރުކުރީ ކިތައް ބަންގްލަދޭޝް މީހުން ކަމެއް ރިޕޯޓުގައި ބުނެފައެއް ނުވެއެވެ.

ޔޫއޭއީގެ ތިންވަނައަށް އެންމެ ބޮޑު ބިދޭސީ ކޮމިއުނިޓީއަކީ ބަންގްލަދޭޝް މީހުން ކަމަށްވާއިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ އާއިލާއަށް އަނބުރާ ގެއަށް ފައިސާ ފޮނުވަން ބޭނުންވާ ކުޑަ މުސާރަ ލިބޭ މަސައްކަތްތެރިންނެވެ. އެމިރޭޓްސްގެ ޖުމްލަ އާބާދީއަކީ 9.2 މިލިއަނަށްވުރެ ގިނަ މީހުންނެވެ.

"ސެވަން ޝެއިޙްޑޮމްސް"ގެ ފެޑަރޭޝަނެއް ކަމަށްވާ  ޔޫއޭއީގައި ސިޔާސީ ޕާޓީތަކާއި ލޭބާ ޔޫނިއަންތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. އޭގެ ސަބަބުން ފުޅާ ގާނޫނުތަކުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ހުރަސް އެޅިފައިވާއިރު، ޔޫއޭއީގެ ބޮޑެތި ހުރިހާ މީޑިއާތަކަކީ ވެސް ސަރުކާރު ހިއްސާވާ ނުވަތަ ސަރުކާރާ ގުޅިފައިވާ މީޑިއާތަކެކެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *