ބަންގްލަދޭޝްގައި ސަރުކާރުގެ ވަޒީފާތަކަށް ކޯޓާ ދެމުންދާ ނިޒާމާއި ދެކޮޅަށް ދަރިވަރުންގެ ގްރޫޕްތަކުގެ މެދުގައި ކުރަމުންދާ މުޒާހަރާތަކުގައި ފަސް މީހަކު މަރުވެއްޖެ އެވެ.
އެގޮތުން ވެރިކަން ކުރާ އަވާމީ ލީގު ޕާޓީއަށް ތާއީދުކުރާ ކައުންޓާ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ޔުނިވާސިޓީގެ ދަރިވަރުން ހަނގުރާމަ ކުރަމުން ދަނިކޮށް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ކަރުނަ ގޭހާއި ރަބަރު ބުލެޓް ޖަހާފަ އެވެ.
ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރާ ކޯޓާ ނިޒާމާ ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައި ވަނީ, ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގެ ބައިވެރިންގެ ޢާއިލާތަކަށް ސަރުކާރު ވަޒީފާތަކުގެ 30 އިންސައްތަ ޚާއްޞަ ކުރުމަށް އެ ޤައުމުގެ ހައި ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. އެ ނިިންމުމާ އެކު, ސަރުކާރު ވަޒީފާތަކުގެ ތެރެއިން ވަކި ބަޔަކަށް ޚާއްޞަ ކޮށްފައިވާ ވަޒީފާތަކުގެ ނިސްބަތް 50 އިންސައްތައަށް ވުރެ އިތުރުވިއެވެ. ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން އެ އަމުރު ބާޠިލު ކުރި ނަމަވެސް މުޒާހަރާތަކަށް ނިމުމެއް ގެނެސްފައެއް ނުވެއެވެ.
މި މުޒާހަރާގައި ޗިޓަގޮންގްގައި ހިނގި ހަމަނުޖެހުންތަކުގައި ތިން މީހަކު ވަނީ މަރުވެފަ އެވެ. އަދި ގާތްގަނޑަކަށް 35 ވަރަކަށް މީހުން ޒަހަމްވި އެވެ.
ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލްގެ ޑިރެކްޓަރު މުހައްމަދު ތަސްލީމް އުއްދީން އޭއެފްޕީއަށް ވިދާޅުވި ގޮތުގައި އެ ތިން މީހުންނަށް ވެސް ވަނީ ބަޑިން އަނިޔާވެފަ އެވެ.
މީގެއިތުރުން ޑާކާ ކޮލެޖުގެ އިންސްޕެކްޓަރ ބަޗޫ މިއާވެސް ވަނީ ދަރިވަރަކު މަރުވެފައިވާ ކަމަށާއި، 60 މީހުން ޒަޚަމްވެފައިވާ ކަމަށް މައުލޫމާތު ދީފައިވެއެވެ.
ވާދަވެރި ދަރިވަރުންގެ ގްރޫޕްތަކުން ވެރިރަށް ޑާކާގެ ވަށައިގެންވާ މުހިންމު ބައެއް ތަންތަނުގައި ހިނގާލުމެއް ކުރިއަށް ގެންދިޔައިރު، ބައެއް މީހުން ވަނީ ގާ އުކާފައެވެ. އޭގެ ސަބަބުން 20 މިލިއަން މީހުން ދިރިއުޅޭ އެ ސިޓީގެ ޓްރެފިކް ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ.


