Tuesday, 28 July 2026
ފޮޓޯ: ރޮއިޓާސް / ޒެހްރާ ބެންސެމްރާ

ސޫދާން ހަނގުރާމައަށް 16 މަސް: އެތައް ހާސް ބަޔަކު މަރުވެ އެތައް މިލިއަން ބައެއްގެ ގެދޮރު ގެއްލިއްޖެ!

ދެކުނު ސޫދާން: ސޫދާނުގައި ހިނގަމުންދާ ހަނގުރާމަ މިހާރު 16 ވަނަ މަހާ ގާތްވެފައިވާއިރު، ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ބުނަމުން ދަނީ މިއީ ދުނިޔޭގައި ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ޑިސްޕްލޭސްމަންޓް ކްރައިސިސް ކަމަށެވެ. މި ހަނގުރާމައިގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ އެތައް މިލިއަން ބަޔަކު ވަނީ ގެދޮރު ގެއްލިފައެވެ.

ސޫދާނުގެ އަސްކަރިއްޔާ (އެސްއޭއެފް) އަށް ވަފާތެރި ސިފައިންނާއި ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އާ ދެމެދު ކުރިމަތިލުންތައް ފެށުނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

2019 ވަނަ އަހަރު އޭރުގެ ސޫދާނުގެ ރައީސް އުމަރު އަލް ބަޝީރުގެ ވެރިކަން ވައްޓާލުމާއި އޭގެ ފަހުން 2021 ވަނަ އަހަރު އަސްކަރީ ބަޣާވާތަކަށް ފަހު، ހަތިޔާރު އެޅި ދެ ޕާޓީގެ މެދުގައި ހަމަނުޖެހުން އުފެދި، މަދަނީ ބާރުތަކުން ސަރުކާރެއް ގާއިމުކުރަން މަސައްކަތް ކުރި ފަހުން ސޫދާން ވަނީ ބަދަލުވެފަ އެވެ.

ދެކުނުއިރުމަތީ ސްޓޭޓެއް ކަމަށްވާ ސެނާރުގެ އަވަށްތަކަށް އާރްއެސްއެފް އިން ހަމަލާދޭން ފެށީ މިދިޔަ މަހުގެ 24 ވަނަ ދުވައެވެ. އެ ފެށިގެން 136،000 އަށް ވުރެ ގިނަ މީހުން ފިލާފައިވާ ކަމަށް އދ. އިން ބުނެއެވެ.

އދ.ގެ އޮފީސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ސެންނާރުގެ ސިންޖާ އާއި އަލް-ޑިންދަރުގައި ހިނގަމުންދާ ހަނގުރާމަތަކުގައި އާންމުން ފިލައިގެން ގޮސް، އަވަށްޓެރި އަލްގެދާރެފް އަދި ބްލޫ ނައިލް ސްޓޭޓްތަކަށް ގޮސްފައިވާ ކަމަށެވެ.

އޯސީއެޗްއޭ އިން ބުނީ ދާދި ފަހުން ހިނގި ހަމަނުޖެހުންތައް ފެށުމުގެ ކުރިން ވެސް ސިންޖާ އާއި އަލް-ޑިންދަރުގައި ގެދޮރު ގެއްލިފައިވާ 286،000 އެއްހާ މީހުން ހިޔާވަހިކަން ހޯދާފައިވާ ކަމަށެވެ.

ސޫދާނުގެ އަސްކަރިއްޔާއިން ދާރުފޫރު ސަރަޙައްދުގައި އޮތް އެންމެ ފަހު ވެރިރަށް ކަމުގައިވާ އުތުރު ދާރުފޫރުގެ އަލްފަޝޭރުގައި ދަނީ ހަނގުރާމަކުރަމުންނެވެ.

އެ ސިޓީގެ މާރުކޭޓަކަށް ދިން ހަމަލާއެއްގައި އާންމުންގެ 15 މީހުން މަރުވެ، 29 މީހުން ޒަޚަމްވެފައިވާ ކަމަށް ހެލްތު މިނިސްޓަރު އިބްރާހިމް ޚަތަރު އޭއެފްޕީ ނިއުސް އެޖެންސީއަށް މިއަދު ބުނެފައިވެއެވެ.

ހަނގުރާމަ ފެށި ފަހުން ސޫދާނުގައި ގާތްގަނޑަކަށް 10 މިލިއަން މީހުން މަޖުބޫރުކޮށް ގެދޮރު ގެއްލިފައިވާ ކަމަށް އދ.ގެ ރެފިއުޖީ އެޖެންސީ (ޔޫއެންއެޗްސީއާރް) އިން ވަނީ ބުނެފައެވެ.

އަދި ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އަވަށްޓެރި ގައުމުތަކަށް ހިޖުރަކޮށްފަ އެވެ. ޔޫއެންއެޗްސީއާރް އިން ބުނީ ހަނގުރާމަ ފެށި ފަހުން މިހާތަނަށް ސޫދާނުން ރަޖިސްޓްރީކޮށްފައިވާ 20،000 އަށް ވުރެ ގިނަ ރެފިއުޖީން ލީބިޔާއަށް ލިބިފައިވާ ކަމަށެވެ.

މިދިޔަ ހަފުތާގައި އދ.ގެ ބަނޑުހައިހޫނުކަން މޮނިޓާ ކުރުމުގެ ނިޒާމު ކަމަށްވާ އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ) އިން ވަނީ ސޫދާންގެ ތާރީހުގައި ވެސް ކާބޯތަކެތީގެ އެންމެ ބޮޑު ކާރިސާއާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެފައެވެ. އެގޮތުން އާބާދީގެ 18 އިންސައްތަ ނުވަތަ 8.5 މިލިއަން މީހުންނަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެ، އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ހަށިގަނޑަށް ގެއްލުންވެ، މަރުވެދާނެ ކަމަށް ވެސް އައިޕީސީއިން ބުނެއެވެ.

މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސޫދާނުން ވަނީ 15،000 އަށްވުރެ ގިނަ މީހުން މަރުވެފައެވެ. އަދި 33،000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު އެމީހުންނަށް ފަރުވާދެވޭނެގޮތެއް ޤާއިމްވެފައެއް ނެތެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *