މައްކާ – 2024 ވަނަ އަހަރުގެ ހައްޖު މޫސުމުގައި މާތް ﷲގެ ގެފުޅަށް ޒިޔާރަތްކުރާ ޙައްޖުވެރިންނަށް މަރުހަބާ ކިޔައި ޙިދުމަތް ދިނުމަށް އިންސާނީ ކެޑަރުންނާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާ އެކު ސައުދި އަރަބިޔާގެ ހެލްތް މިނިސްޓްރީން ފުރިހަމަ އަށް ތައްޔާރަށް އޮތް ކަން އިއުލާނުކޮށްފި އެވެ.
އިންޓަގްރޭޓެޑް ތައްޔާރީތަކާއި އާ ޓެކްނޮލޮޖީތަކުގެ ތެރޭގައި ހައްޖުވެރިންނަށް އެންމެ ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް މައްކާ، މަދީނާ އަދި އެކި ތަންތަނުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި މޮބައިލް ކްލިނިކްތައް ވަނީ ޤާއިމްކޮށްފައެވެ.
ހެލްތް މިނިސްޓްރީން ވިދާޅުވި ގޮތުގައި އެކި ސިއްހީ މަރުކަޒުތަކާއި ސެންޓަރުތަކަށް 32،000 އަށް ވުރެ ގިނަ މެޑިކަލް އަދި އެޑްމިނިސްޓްރޭޓިވް ސްޓާފުން ބަހާފައިވާ ކަމަށާއި އޭގެ ތެރޭގައި އެކި ސްޕެޝަލިޓީތަކުގެ 5،000 އަށް ވުރެ ގިނަ ޑޮކްޓަރުން ވެސް ހިމެނޭ ކަމަށެވެ.
އަދި ޕްރޮފެޝަނަލުން ތިބި 32 ހޮސްޕިޓަލާއި 151 ސިއްހީ މަރުކަޒާއި އެންމެ ފަހުގެ މެޑިކަލް ޓެކްނޮލޮޖީ ހިމެނޭ 6 މޮބައިލް ކްލިނިކް ހިމެނޭ ގޮތަށް 183 ސިއްހީ މަރުކަޒެއްގައި 24 ގަޑިއިރު ބޭނުންވާ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށާއި އިމަޖެންސީ ހާލަތެއްގައި އަވަސް އިޖާބަ ދިނުމަށް ތައްޔާރަށް އޮތްކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ.
މި ފެސިލިޓީތަކުގެ ކެޕޭސިޓީގައި 6،400 ވުރެ ގިނަ އެނދު ހުރިއިރު، އައިސީޔޫ އާއި އިމަޖެންސީ އެނދާއި ހީޓް ސްޓްރޯކަށް ހާއްސަކޮށްފައިވާ އެނދުތައް ހިމެނޭ ގޮތަށް ހޮސްޕިޓަލްތަކާއި ސެންޓަރުތަކަށް ބަހާފައިވެ އެވެ.
އަދި އެކަމަށް ވާންޖެހޭ ތައްޔާރީތަކުގެ ތެރޭގައި އެންމެ ފަހުގެ ސިއްހީ ޓެކްނޮލޮޖީއާއި އޮޓޮމެޓިކް ހިދުމަތްތައް ބޭނުންކުރުން ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ރިމޯޓް ހެލްތް ކެއާގެ ހިދުމަތް ފޯރުކޮށްދޭ "ސެހަޓީ" ވާޗުއަލް ހޮސްޕިޓަލާއި އެ ހޮސްޕިޓަލާ ގުޅިފައިވާ ވާޗުއަލް ކްލިނިކްތައް ކުރިއަށް ގެންދިއުން ހިމެނެ އެވެ.
"ސެހަޓީ" އެޕްލިކޭޝަން ބޭނުންކޮށްގެން ސްމާޓްފޯން މެދުވެރިކޮށް ހައްޖުވެރިންނަށް ކޮންސަލްޓޭޝަން ގެ ހިދުމަތާއި ބޭސްފަރުވާގެ މައުލޫމާތު ފޯރުކޮށްދިނުމާއި ހައްޖުވެރިންގެ ސިއްހީ މައުލޫމާތު ބެލެހެއްޓުމަށް އިންޓަގްރޭޓެޑް އިލެކްޓްރޯނިކް ސިސްޓަމްތަކާއި ޕްލެޓްފޯމްތަކާއި އެކި ސިއްހީ ހިދުމަތްދޭ ތަންތަނުގެ މެދުގައި ކުރެވޭ މަސައްކަތްތައް ކޯޑިނޭޓް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން، މާތްވެގެންވާ ތަންތަނުގެ ހޮސްޕިޓަލްތަކުގެ މެދުގައި ލޭގެ ޔުނިޓްތަކާއި ލެބޯޓްރީ ސާމްޕަލްތައް އަވަހަށް އަދި ހަރުދަނާގޮތެއްގައި ގެންދިއުމަށް ޓަކައި ޑްރޯން ބޭނުންކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
ސައުދީ ރެޑް ކްރެސެންޓް އޮތޯރިޓީ (އެސްއާރްސީއޭ) އިން ވެސް ވަނީ 2024 ވަނަ އަހަރުގެ ހައްޖު މޫސުމަށް ވާންޖެހޭ ތައްޔާރީތައް ފުރިހަމަކޮށް، އެމްބިއުލާންސާއި ޑިޒާސްޓާ އަދި ރެޕިޑް ރެސްޕޮންސް ވެހިކަލްތައް ތަމްސީލުކުރާ އިންސާނީ ވަސީލަތްތަކުގެ ފުރިހަމަ ގާބިލުކަމާއި ގްރައުންޑް އެންޑް އެއާ އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދީފަ އެވެ.
އެސްއާރްސީއޭ އިން 98 އިމަޖެންސީ ސެންޓަރަކަށް ބަހާފައިވާ 2،540 އަށް ވުރެ ގިނަ މެޑިކަލް މުވައްޒަފުންނާއި އެޑްމިނިސްޓްރޭޓަރުންގެ އިތުރުން 694 އަށް ވުރެ ގިނަ އެމްބިއުލާންސް ހިދުމަތް ދޭ ފީލްޑް ވޯކަރުންނާއި ހަތް އެއާ އެމްބިއުލާންސް އެއާކްރާފްޓް އިމަޖެންސީ ކޭސްތަކަށް އަވަސް އިޖާބަ ދިނުމުގެ ގޮތުން ބަހައްޓާނެ އެވެ.
މައްކާ ރީޖަނަލް އޮތޯރިޓީން ބުނީ ހޮނިހިރު ދުވަހުގެ ނިޔަލަށް ހައްޖަށް ދިއުމަށް ރަޖިސްޓްރީކޮށްފައިވާ 1.3 މިލިއަނަށް ވުރެ ގިނަ މީހުން ސައުދީ އަރަބިއްޔާއަށް ގޮސްފައިވާ ކަމަށެވެ.


