Monday, 26 October 2026
The International Court of Justice (ICJ),

ރަފަހަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އައިސީޖޭއިން އިޒްރޭލަށް އަންގައިފި

ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިޒްރޭލުން ރަފާހުގައި ދެމުން ގެންދާ އަސްކަރީ ހަމަލާތައް ވަގުތުން ހުއްޓާލަން އިޒްރޭލަށް އަންގައިފި އެވެ.

ސައުތު އެފްރިކާއިން ހުށަހެޅި އެދުމަކާ ގުޅިގެން އައިސީޖޭއިން މިއަދު ވަނީ 13-2 ގެ ވޯޓުގައި އިޒްރޭލުން ރަފަހުގައި ހިންގާ އަސްކަރީ ހަމަލާތަކާއި އެނޫންވެސް ފިޔަވަޅެއް އެޅުން ވަގުތުން ހުއްޓާލައި، ބަންދުކޮށްފައިވާ ސްޓްރިޕަށް އިންސާނީ އެހީ ގެނައުމުގެ ހުއްދަ ދިނުމުގެ ގޮތުން ރަފާ ބޯޑަރު ކްރޮސިން ހުޅުވާލަން ޖެހޭ ކަމަށް އަންގާފައެވެ.

އައިސީޖޭގެ ރައީސް ނަވާފް ސަލާމް ވިދާޅުވީ ޣައްޒާގެ އިންސާނީ ހާލަތު މިހާރު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި މީގެ ކުރިން އަޅާފައިވާ ފިޔަވަޅުތަކަކީ އެކަށީގެންވާ ފިޔަވަޅުތަކެއް ނޫން ކަމަށެވެ.

"އިސްރާއީލުން އަސްކަރީ ޙަމަލާދިނުމާއި ރަފާ ގަވަރުނަރޭޓްގައި ފަލަސްޠީނުގެ ޣައްޒާގައި ރައްޔިތުންނަށް ޖިސްމާނީ ގޮތުން އަދި އެ ނޫންވެސް އެއްވެސް ގެއްލުމެއް ލިބިދާނެ ފަދަ އެއްވެސް ފިޔަވަޅެއް އެޅުން ވަގުތުން ހުއްޓާލަންޖެހޭ" އެ ޙުކުމް ކޯޓުގައި އިއްވަވަމުން އޭނާ ވިދާޅުވިއެވެ.

އަދި އިޒްރޭލުން ރަފާ ކްރޮސިން އަލުން ހުޅުވައި، ޖަރީމާގެ ތުހުމަތުތައް ތަހުގީގު ކުރުމަށް އދ އިން ލާޒިމްކުރާ ކޮމިޝަން އޮފް އިންކުއަރީ ނުވަތަ ތަހުގީގީ އިދާރާތަކަށް ހުއްޓުމެއް ނެތި ވަދެވޭނެ ގޮތް ހަމަޖައްސަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިސީޖޭއިން ވަނީ އިޒްރޭލުން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ހޯދާފައިވާ ކުރިއެރުންތައް މަހެއްހާ ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަން އަންގާފައެވެ.

އައިސީޖޭގެ އަމުރުތަކަކީ ގާނޫނީ ގޮތުން ލާޒިމް އަމުރެއް ނަމަވެސް ސީދާ ތަންފީޒް ކުރެވޭނެ ނިޒާމެއް އަދި ހޯދިފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *