އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) އާއި އިލަަވަން ރެޑްކްރޮސް ނޭޝަނަލް ސޮސައިޓީސް ގުޅިގެން ޣައްޒާގެ ރަފާހުގައި ފީލްޑް ހޮސްޕިޓަލެއް ހުޅުވައިފި އެވެ.
މި ހޮސްޕިޓަލް ހުޅުވީ މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވާ ސިއްހީ ބޭނުންތަކަށް ހައްލެއް ގެނައުމަށް ކަމަށް އެ ޖަމިއްޔާތަކުން ބުނެފައިވެއެވެ.
އަދި މި މަސައްކަތްތަކުގެ ބޭނުމަކީ ފަލަސްތީން ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އިން އަވަސް ފަރުވާ ދިނުމުގައި ކުރާ ޒަރޫރީ މަސައްކަތްތައް ފުރިހަމަކޮށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބުނެފައިވެއެވެ.
ހަމަނުޖެހުންތައް ފެށުނީއްސުރެ ޕީއާރުސީއެސްގެ މުވައްޒަފުންނާއި ވޮލަންޓިއަރުން ދަނީ ޣައްޒާގެ މުޖުތަމައުތަކަށް އިމަޖެންސީ މެޑިކަލް ހިދުމަތްތައް ދެމުންނެވެ.
މިހާތަނަށް ޣައްޒާގައި ޑިއުޓީގައި އުޅެނިކޮށް ޕީއާރްސީއެސްގެ 17 ބައިވެރިޔަކު ވަނީ މަރާލާފަ އެވެ. އަދި މުހިންމު ތަންތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އޭގެ ތެރޭގައި އަލް އަމާލް އާއި އަލް ޤުދުސް ހޮސްޕިޓަލާއި އިމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް) ގެ ބައެއް މަރުކަޒުތަކުގެ އިތުރުން އިމަޖެންސީ ވެހިކަލްތައް ހިމެނޭއިރު 25 އެމްބިއުލާންސްގެ ވަނީ ހިދުމަތް ކަނޑާލާފައެވެ.
ޕީ.އާރު.ސީ.އެސް.ގެ ބައިވެރިން ހިފަހައްޓައި، އެމީހުންގެ ފަރުވާއާ ބެހޭ ގޮތުން ވަރަށް ގިނަ ރިޕޯޓްތައް ފެންމަތިވެފައވާއިރު، އަދިވެސް ގިނަ ބަޔަކު ތިބި ތަނެއް ނޭނގެއެވެ.
60 އެނދުގެ މި ފީލްޑް ހޮސްޕިޓަލަކީ ޣައްޒާގެ ސިއްހީ ބޭނުންތައް ފުއްދުމަށް ޕީއާރުސީއެސްގެ މަސައްކަތްތައް ފުރިހަމަކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ހޮސްޕިޓަލެކެވެ. މި ފީލްޑް ހޮސްޕިޓަލުން ފޯރުކޮށްދޭނީ، އިމަޖެންސީ ސާޖިކަލް ކެއާ، މާބަނޑު އަދި އަލަށް އުފަންވާ ކުދިންނަށް އަޅާލުން، ކުޑަކުދިންގެ ފަރުވާ، އަދި އައުޓްޕޭޝަންޓް ޑިޕާޓްމަންޓެވެ. އޭގެ ތެރޭގައި މާސް ކެޝުއަލިޓީ މެނޭޖްމަންޓާއި ޓްރައޭޖް ކެޕޭސިޓީ ހިމެނެ އެވެ.
އޮސްޓްރޭލިއާ، އޮސްޓްރިއާ، ކެނެޑާ، ޑެންމާކް، ފިންލޭންޑް، ޖަރުމަނު، ހޮންކޮންގް، އައިސްލޭންޑް، ޖަޕާން، ނޯވޭ އަދި ސްވިޒަލޭންޑްގެ ރެޑް ކްރޮސް ސޮސައިޓީތަކުގެ އެހީގައި ހިންގަ އައިސީއާރުސީ ފީލްޑް ހޮސްޕިޓަލުން ދުވާލަކު ގާތްގަނޑަކަށް 200 މީހުންނަށް ބޭސްފަރުވާ ކުރެވޭނެ އެވެ.
ޣައްޒާގެ ރައްޔިތުންނަށް މިހާރުން މިހާރަށް ލިބެންޖެހޭ ބޭސްފަރުވާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު، ސިއްހީ ހިދުމަތަށް ބޮޑު ޑިމާންޑެއް އޮތީ، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޢަދަދު މަދުވުމުގެ ސަބަބުންނެވެ.


