ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1 މިލިއަނަށްވުރެ މައްޗަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުކަށް އިންޑިއާގެ ފަތުރުވެރިން ކުރި ދަތުރުތަކުގެ ރޭޓު 2022 ވަނަ އަހަރު އެވްރެޖްކޮށް 150 އިންސައްތައަށްވުރެ މައްޗަށް ވަނީ ގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން އިންޑިއާ ވެފައިވަނީ އޭޝިއާގެ ތިންވަނައަށް އެންމެ މަގުބޫލު ޓްރެވަލް ޑެސްޓިނޭޝަނަށެވެ. މިދިޔަ އަހަރު އެ ޤައުމުގެ ޕްރައިމަރީ ސޯސް މާކެޓަކީ އެމެރިކާ، އިނގިރޭސިވިލާތް އަދި ޔޫއޭއީ އެވެ.
ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2019 ވަނަ އަހަރުގެ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަދުގެ ނިޔަލަށް އިންޑިއާއިން އެއް މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައި ވެއެވެ.
އިންޑިއާ އިން އައި ޓޫރިސްޓުންގެ ތަފާސް ހިސާބުތައް:
2019 – 166،030 ޓޫރިސްޓުން (ރޭންކް 2)
2020 – 62،960 ޓޫރިސްޓުން (ރޭންކް 1)
2021 – 291،787 ޓޫރިސްޓުން (ރޭންކް 1)
2022 – 241،382 ޓޫރިސްޓުން (ރޭންކް 1)
2023 – 209،198 ޓޫރިސްޓުން (ރޭންކް 1)
2024 – 47،315 (ރޭންކް 6)
2019 ވަނަ އަހަރު ރާއްޖޭގެ ދެ ވަނަ ޓޫރިސްޓު މާކެޓެއްގެ ގޮތުގައި އޮތް އިންޑިއާ 2020، 2021، 2022 އަދި 2023 ވަނަ އަހަރު އޮތީ ރާއްޖޭގެ އެއް ވަނަ ޓޫރިސްޓު މާކެޓުގެ ގޮތުގައެވެ.
އެހެންނަމަވެސް 2024 ވަނަ އަހަރު މިއަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން 14 މެއި 2024ގެ ނިޔަލަށް އިންޑިއާގެ 47،315 ރާއްޖެ އައިއިރު، 2023 ގެ މި މުއްދަތުގައި 83،107 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.
2019-2023 އަށް އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވި ސަބަބުތަކުގެ ތެރޭގައި އިންޑިއާއަށް ދުވާލެއްގެ މައްޗަށް ގިނަ ފްލައިޓްތަކެއް ދަތުރުކުރުމާއި، ކޮވިޑް-19 ގައި ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި ވަނިކޮށް، އިންޑިއާ-ރާއްޖެ އަކީ ރަނގަޅު އަވަށްޓެރި ގައުމެއްގެ ގޮތުގައި އެއާ ބަބްލް އުވާލައި، އިންޑިއާ އާއި ރާއްޖެއާ ދެމެދު ޝެޑިއުލް ފްލައިޓްތައް ބޭއްވުމުގެ ހުއްދަ ދީ، އިންޑިއާ އިން ރާއްޖެއަށް އަންނަ ޓޫރިސްޓުން ގެނައުމުގެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ.
މީގެއިތުރުން 2022 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޯޕަން ސްކައި އެރޭންޖްމަންޓެއް ވީ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ރަނގަޅުވެގެން ދިޔަ އެވެ. މީގެއިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޖަމްޢިއްޔާ ޖަމާޢަތްތަކުން އިންޑިއާ ޓޫރިސްޓުންނަށް ރާއްޖެ ޓޫރިސްޓު މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުންވެސް ފާހަގަކޮށްލެވެއެވެ.
ޓޫރިޒަމް ކޮންސަލްޓެންސީ އައިޕީކޭ އިންޓަނޭޝަނަލް އިން ބުނި ގޮތުގައި 2022 ވަނަ އަހަރު ގާތްގަނޑަކަށް 10 މިލިއަން ބޭރު ދަތުރުތަކާ އެކު އިންޑިއާ އަކީ 2022 ވަނަ އަހަރު އޭޝިއާގެ އައުޓްބައުންޑް ދަތުރުވެރިންގެ އެންމެ ބޮޑު ސޯސް މާކެޓެވެ.
އިންޑިއަން އިމިގްރޭޝަނުން ބުނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް އިންޑިއާގެ 18 މިލިއަން މީހުން އެ ޤައުމުން ބޭރަށް ދަތުރުކޮށްފައިވާ އިރު އޭގެ ތެރެއިން 7.2 މިލިއަނަށް ވުރެ ގިނަ މީހުން ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
އަދި އިންޑިއާގެ މަރުކަޒީ ބޭންކް، އާރްބީއައިގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އިންޑިއާ އިން ރާއްޖެއަަށް ދަތުރުކުރުމަށް 12.51 ބިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.
ސެންޓާ ފޯ އޭޝިއާ ޕެސިފިކް އޭވިއޭޝަނާއި އެކްސްޕީޑިއާ ގްރޫޕް ގުޅިގެން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން 2025 ވަނަ އަހަރާ ހަމައަށް ރާއްޖެއިން ބޭރުގައި ޗުއްޓީ ހޭދަކުރާ އިންޑިއާގެ މީހުންގެ އަދަދު ތިން ގުނަ އަށް އަރާނެ ކަމަށާއި އެ ގައުމުން ކުރާ ބައިނަލްއަގުވާމީ ވައިގެ ދަތުރުތަކުގެ 40 ޕަސެންޓް ހިއްސާ ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައިވެއެވެ.
ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ތަޖުރިބާތައް ހޯދަމުން އަންނަ އިންޑިޔާގެ މެދުފަންތީގެ މީހުންނާއި ޒުވާނުންގެ އާބާދީގެ މާލީ ޤާބިލުކަން އިތުރުވަމުންދާ މިންވަރު ދައްކުވައިދެއެވެ.
އިންޑިއާ އިން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދެގުނަ އަށް އިތުރުކުރެވޭނެ ގޮތްތަކެއް އަދިވެސްއެބަހުއްޓެވެ. އޭގެތެރޭގައި އިންޑިއާއަށް އަމާޒުކޮށް ހިންގާ އެމްއެމްޕީއާރްސީ އަދި ޓީ، މަޓާޓޯ، އެންއެޗްޖީއޭއެމް، އެންބީއޭއެމް ފަދަ ޓުއާ އެންޑް ޓްރެވަލް އެސޯސިއޭޝަންތަކުގެ އައުޓްރީޗް ހަރަކާތްތައް އިތުރުކުރުމާއި، އައު ސިޓީތަކަށް އަމާޒުކޮށް ހަރަކާތްތައް ރޭވުން އަދި ރާއްޖޭގެ އާ ޓޫރިސްޓުންގެ މަންޒިލްތައް އިންޑިއާގެ ޓޫރިސްޓުންނަށް ހާމަކުރުން: ގެސްޓްހައުސް، ހޯމް ސްޓޭ، ރިމޯޓް އައިލެންޑްސް، ވޯޓާ ސްޕޯޓްސް ޕްރޮމޯޓް ކުރުން ހިމެނެއެވެ.
މީގެއިތުރުން ޓްވިޓާ، އެފްބީ، އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމާއި، އިންޑިއާގެ ކޯޕަރޭޓް އިވެންޓްތަކާއި ކުޅިވަރު އިވެންޓްތައް ރާއްޖެއަށް ގެނައުން، އިންޑިއާގެ ބޮޑެތި ކައިވެނީގެ ޑެސްޓިނޭޝަން ވެޑިން ސްޕޮޓެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުން. އަދި ޝޫޓިންއަށް އިންޑިއާގެ ފިލްމް އިންޑަސްޓްރީ ޝައުގުވެރިކުރުވުން ވެސް ހިމެނެ އެވެ.


