ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެ ސަރުކާރުން އަޅާފައިވާ 4000 ފްލެޓް އޭރު ގެޒެޓުކުރި ލިސްޓަށް ދިނުމަށް ސަރުކާރަށް އެންގުމަށް މަޖިލީހުން ފާސްކޮށްފި އެވެ.
ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެޅި 4000 ފްލެޓް ދީފައިވަނީ ހައްގުވެރިންނަށް ނޫންކަމަށާއި ލިސްޓުގައި ފުލެޓުދޭން ކަޑައަޅާފައިވާ މީހުންގެ ލިސްޓުގައި ހިމެނޭ 60 ޕަސެންޓު މީހުންގެ ޝަރުތު ހަމަނުވާ ކަމަށާއި 19.7 ޕަސެންޓު މީހުންގެ ޝަރުތު ހަމަވި ނަމަވެސް އެ ފޯމްތަކުގައި މައްސަލަ ހުރިކަމަށް އޭސީސީއިން ކުރިން ވަނީ ބުނެފައެވެ. އަދި ޝަރުތު ހަމަ ވަނީ 20.7 ޕަސެންޓު މީހުންގެ ކަމަށް އޭސީސީ ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ވަނީ ޝަކުވާތައް އުފުލާފައިވެއެވެ. އަދި ގިނަ ބަޔަކު ވަނީ ޝަކުވާ މަޖިލީހަށް ވެސް ހުށަހަޅާފަ އެވެ.
މަޖިލީހަށް އައި ޝަކުވާތަކާ ގުޅިގެން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން މި މައްސަލަތައް ބަލާ ހެދި ރިޕޯޓަށް މިއަދު މަޖިލީހުގައި ވަނީ ވޯޓަށް އަހައި 29 މެމްބަރުންގެ ތާއީދާ އެކު ފާސްކޮށް ސަރުކާރަށް އެ ލިސްޓަށް ފްލެޓް ދިނުމަށް އެންގުމަށް ފާސް ކޮށްފަ އެވެ.
މިސަރުކާރުން ވަނީ ޝަރުތު ހަމަނުވާ މީހުންގެ ލިސްޓު އާންމު ކުރާނެކަމަށް ކުރިން ބުނެފައެވެ. ނަމަވެސް މިއަދާއި ހަމައަށް އަދި އެލިސްޓު އާންމު ކޮށްފައެއް ނުވެއެވެ. އޭސީސީގެ ފްލެޓު ނުލިބޭ މީހުންގެ ލިސްޓުކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކޮށްފައިވަނީ ހަގީގަތާ ހިލާފު ލިސްޓެކެވެ.
ކުރީ ސަރުކާރުން ނިންމާފައި އޮތީ ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ވެސް ފްލެޓް ދޭށެވެ. ފުރަތަމަ ނެރުނު ލިސްޓުގައި 15،046 މީހުން ޝަރުތު ހަމަވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް އޭރު އަޅަން ފަށާފައި ވަނީ 4000 ފްލެޓެވެ. އެހެންކަމުން ފުރަތަމަ 4000 ފްލެޓް ލިބޭނީ ޕޮއިންޓް ތަރުތީބުން، އެންމެ މަތިން ޕޮއިންޓް ލިބޭ މީހުންނަށް ކަމަށް އޭރު އޮތީ ކަނޑައަޅާފަ އެވެ.
މިދިޔަ ސަރުކާރު ނިމެން ކުޑަ ދުވަސް ކޮޅަކަށް ވެފައިވަނިކޮށް އެ ސަރުކާރުން ކުއްލިގޮތަކަށް ފްލެޓް ހަވާލުކުރަން އުޅުމުން އޭސީސީ އިން ވަނީ އެކަން އޭރު ހުއްޓުވާފަ އެވެ.


