މަސައްކަތްތެރިންނަކީ ގައުމެއް ކުރިއަށް ދުއްވާ އިންޖީނެވެ. ތަރައްޤީ ގެނައުމަށް ޓަކައި އެންމެ ގިނަ މަސައްކަތްތައް ކުރާ ބަޔަކީ އެމީހުންނެވެ. ޤައުމާއި ދައުލަތް ބިނާވަނީ އުމްރާނީ ތަރައްޤީއާއި އިޤްތިޞާދުގެ މައްޗަށެވެ. އަދި މި ޤައުމަށް ބޭނުންވާ މި އުމްރާނީ ތަރައްޤީއާއި އިޤްތިޞާދު ހޯދައިދޭ ބަޔަކީ މަސައްކަތްތެރިންކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. މަސައްކަތްތެރިންނާއި މަސައްކަތްތެރިންނަކީ މުޖުތަމަޢެއްގެ މައިބަދަކަމަށްވާތީ އެމީހުންނަކީ ވަރަށް މުހިންމު ބައެކެވެ. އެމީހުންގެ ދުޅަހެޔޮކަމަށް ސަމާލުކަން ދީ، އެމީހުންގެ މައްސަލަތައް ސަރުކާރުން އަޑުއަހަންވީ މި ސަބަބަށްޓަކައެެވެ.
ކޮންމެ އަހަރަކުވެސް މެއި މަހުގެ އެއްވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަަސް ފާހަގަކުރަނީ މަސައްކަތްތެރިންނާއި މަސައްކަތްތެރިން މުޖުތަމަޢަށް ކޮށްދޭ މަސައްކަތްތަކާއި ޚިދުމަތްތަކަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ. މި ޚާއްޞަ ދުވަސް ފާހަގަކުރާއިރު، މި ދުވަހުގެ ތާރީހާއި ގުޅޭގޮތުން އުނގެނިފައި ހުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން މަސައްކަތްތެރިންގެ ދުވަހާއި ގުޅޭގޮތުން ހަނދާނުގައި ބަހައްޓަންޖެހޭ ބައެއް ކަންކަން ތިރީގައި މިވަނީއެވެ.
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތާރީޚް:
1886 ވަނަ އަހަރު އެމެރިކާގައި މަސައްކަތްތެރިން ދުވާލަކު މަސައްކަތްކުރާ ވަގުތު 8 ގަޑިއިރަށް ހަދައިދިނުމަށް އެދި، ބޮޑު މުޒާހަރާއެއް ބޭއްވިއެެވެ. އެ ދުވަސްވަރު 10 ގަޑިއިރާއި 16 ގަޑިއިރާ ދެމެދުގެ ދިގުމިނަކަށް މަސައްކަތް ކުރުވުމަކީ އާދައެކެވެ. ޝިކާގޯގެ ހޭމާކެޓް ސްކުއަރ ނަމަކަށް ކިޔާ މައިދާނެއްގައި ފެށްޓި މި މުޒާހަރާ އެތައް ދުވަހަކަށް ދެމިގެން ދިޔައެވެ. މުޒާހަރާގެ 3 ވަނަ ދުވަހު ނުވަތަ މޭ މަހުގެ 3 ވަނަ ދުވަހު ފުލުހުންނާއި މުޒާހިރީންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކަށް އަނިޔާވިއެވެ. މި ހާދިސާ މަޝްހޫރުވެފައިވަނީ "ހޭމާކެޓް އެފެއާ"ގެ ނަމުންނެވެ.
މި މުޒާހަރާ ރޫޅައިލާން އެރޭ މަސައްކަތް ކުރަމުން ދަނިކޮށް ފުލުހުންގެ ސަފުތަކުގެ ތެރޭގައި ބޮމެއް ގޮވައި 7 ފުލުހުން މަރުވެ، 60 ފުލުހުންނަށް އަނިޔާވިއެވެ. ނަތީޖާއެއްގެ ގޮތުން ފުލުހުން މުޒާހިރީންނަށް ދިމާއަށް ބަޑި ޖަހަން ފަށައިފިއެވެ.
މި މުޒާހަރާތައް ނިމުމަކަށް އައިއިރު، އެތައް ބަޔަކު މަރުވިއެވެ. އަދި ދުއިސައްތައެއްހައި މީހުންނަށް އެކިވަރުގެ އަނިޔާ ވިއެވެ.
މި ހާދިސާއަކީ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ފެށުނު ގޮތެވެ. 1889 ވަނަ އަހަރު ޔޫރަޕްގެ ގިނަ ސޯޝަލިސްޓް ޕާޓީތައް އެއްވެ މެއި މަހުގެ އެއްވަނަ ދުވަހަކީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމި އެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް އެ ދުވަސް މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއެވެ.
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް 2024 ގެ މުހިންމުކަން:
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހަކީ، މުޖުތަމަޢުއާއި ޤައުމުގެ ތަރައްޤީގައި މަސައްކަތްކުރާ ފަރާތްތަކާއި، މަސައްކަތްތެރިންގެ ޚިދުމަތުގެ އަގު ވަޒަންކުރުމަށް އެހީތެރިވެދޭ ދުވަހެކެވެ. އަދި މަސައްކަތްތެރިންގެ ޙައްޤުތައް ދަސްކުރުމަށް ވެސް މި ދުވަހު އިލްތިމާސްކުރެއެވެ.
މަސައްކަތްތެރިންގެ ބޭނުން ގިނަފަހަރަށް ހިފާއިރު، އަމިއްލަ ނަފްސު ހިމާޔަތްކުރުމުގެ ޙައްޤުތައް އެނގުމަކީ މުހިންމު ކަމެކެވެ. އަދި މަސައްކަތްތެރިންގެ މަސައްކަތާއި ދިރިއުޅުމުގެ ޙާލަތު ކުރިއެރުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ވެސް މިދުވަހު ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގައި މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުން:
ރާާއްޖޭގައި ވެސް މަސައްކަތްތެރިންގެ ދުވަސް އައީ މީގެކުރިންވެސް ފާހަގަކުރަމުންނެވެ. ނަމަވެސް މި ދުވަހަށް ދިވެހިންގެ ހާއްސަ ސަމާލުކަމެއް ލިބުނީ 2015 ވަނަ އަހަރު "މޭޑޭ މުޒާހަރާ"ގެ ނަމުގައި ބޭއްވި ބޮޑު އެއްވުމުގެ ސަބަބުންނެވެ. މިއީ މަސައްކަތްތެރީންގެ ނަމުގައި މާލޭގައި ބޭއްވި އެންމެ ބޮޑު މުޒާހަރާއެވެ.
މި މުޒާހަރާ އިންތިޒާމްކޮށްފައިވަނީ އޭރު ސަރުކާރާއި އިދިކޮޅު ޕާޓީތަކުންނެވެ. އިސްކޮށް އޮތީ އާދަލަތު ޕާޓީއެވެ. މި މުޒާހަރާ ބޭއްވުމުގެ ކުރިން ފުލުހުން ވަނީ މުޒާހަރާގައި ހަމަނުޖެހުންތަކެއް ހިނގާނެކަމުގެ ރިޕޯޓްތަކެއް ލިބި މުޒާހަރާ ނުބޭއްވޭނެކަމަށް ބުނެފައެވެ.
އެކި ރަށްރަށުންވެސް ގިނަ އަދަދަކަށް މީހުން ބައިވެރިވި މި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާއި ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ. މި މުޒާހަރާއާ ގުޅިގެން ދުއިސައްތައަށްވުރެ ގިނަ މީހުން ހައްޔަރު ކުރިއެވެ. އަށްޑިހަ ވަރަކަށް މީހުންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވިއެވެ. އަދި އަންހެން ފުލުހަކު ބިންމައްޗަށް ވައްޓާލައި އަނިޔާކުރި މީހަކަށް ހަތް އަހަރަށް ޖަލަށް ލާން ކޯޓުން ހުކުމް ކުރިއެވެ.
މުޒާހާރާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ޢަދާލަތު ޕާޓީއާއި އެމްޑީޕީ ޖޫރިމާނާ ކޮށްފައެވެ އެއީ އެއްވެ އުޅުމުގެ ޤާނޫނާ ޚިލާފުވުމާއި، ހަމަނުޖެހުން ހިންގުމާއި، ދައުލާތުގެ މުދަލަށް ގެއްލުން ދިނުމުގެ އަދަބެއްގެ ގޮތުންނެވެ.
މި މުޒާހަރާގެ އިސް ލީޑަރު، މިދިޔަ ސަރުކާރުގެ ދާޚިލީ ވަޒީރު ޢިމްރާން ޢަބްދުﷲވެސް ހައްޔަރު ކުރިއެވެ. އަދި ކުށް ސާބިތުވެ ޖަލަށްވެސް ލިއެވެ. ބައެއް ލީޑަރުން ގައުމު ދޫކުރައްވައި ބޭރަށް ވަޑައިގަތީއެވެ.
މޭޑޭ މުޒާހަރާގައި ހައްޔަރުކޮށް، ކުށް ސާބިތުވެ ޖަލަށްލީ މީހަކު ކަމުގައިވާ ޢަބަދުﷲ ރަޝީދު ވަނީ 10 އޮކްޓޯބަރު 2017 ގައި ނިޔާ ވެފައެވެ.
މޭޑޭގެ މުޒާހަރާއަކީ ދިވެހިންގެ ހިތްތަކުން ފިލާނެ ދުވަހެއް ނޫނެވެ. އެއީ ބިރުވެރި އަދި އެތައް ދިވެހިންނެއް ނޭވާ ހިފަހައްޓާލަން ޖެހުނު ދުވަހެކެވެ. މޭޑޭގެ މުޒާހަރާއަކީ މިހައިތަނަށް އެންމެ އަނިޔާވެރިކޮށް ރޫޅައިލި މުޒާހަރާކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވެއެވެ.
އޭގެފަހުން ވެސް ރާއްޖޭގައި މި ދުވަހު ހިނގާލުންތައް ބާއްވައެވެ. އެހެންނަމަވެސް 2015 ވަނަ އަހަރު ރާއްޖެ ދުށްފަދަ ހާދިސާއެއް މިފަހުން ހިނގާފައެއް ނުވެއެވެ.


