Wednesday, 29 July 2026

ޣައްޒާގެ ދެ ހޮސްޕިޓަލަކުން ފެނުނު ގިނަ އަދަދެއްގެ ގަބުރުތަކުގެ މައްސަލަ ތަހުގީގު ކުރުމަށް އދ. އިން ގޮވާލައިފި

ޣައްޒާގެ ދެ ހޮސްޕިޓަލަކުން ގިނަ އަދަދެއްގެ ގަބުރުތަކެއް ފެނުނު ކަމަށް ބުނާ މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގުމަށް އދގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވޮލްކާ ތުރުކް މިއަދު ގޮވާލައްވައިފި އެވެ.

ތުރުކް މިހެން ވިޑާޅުވެފައިވަނީ ނާސިރާއި އަލްޝިފާ ހޮސްޕިޓަލް ހަލާކުކޮށްލުމާއި ގުޅިގެން ބިރުވެރިކަން ފާޅުކޮށް މިނިވަން، ހަރުދަނާ އަދި ދެފުށް ފެންނަ ތަހުގީގެއް ހިންގުމަށް ގޮވާލާ ނެރުއްވި ބަޔާނެއްގައެވެ.

"މިހާރު އޮތް އަދުލު އިންސާފުގެ މާހައުލަށް ބަލާއިރު، އޭގެ ތެރޭގައި ބައިނަލްއަގުވާމީ އިންވެސްޓިގޭޓަރުން ވެސް ހިމަނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ބައިނަލްއަގްވާމީ އިންސާނީ ގާނޫނުގެ ދަށުން ހޮސްޕިޓަލްތަކަށް ވަރަށް ހާއްސަ ހިމާޔަތެއް ލިބެއެވެ. އަދި އާންމުންނާއި ބަންދުގައި ތިބޭމީހުން ގަސްދުގައި މެރުމަކީ ހަނގުރާމައިގެ ޖަރީމާއެކެވެ.

"ކޮންމެ 10 މިނެޓަކުން ކުޑަކުއްޖަކު މަރުވެ ނުވަތަ ޒަހަމްވޭ. ހަނގުރާމައިގެ ގާނޫނުތަކުގެ ދަށުން އެކަނި އެމީހުންނަށް ހިމާޔަތް ލިބެނީ، އަދިވެސް މި ހަނގުރާމައިގައި އަގު ނުހައްގުން ދައްކަމުން ދަނީ އެމީހުން،" ތުރުކް ވިދާޅުވި އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވަނީ ޣައްޒާގެ 1.2 މިލިއަން މީހުންނަށް މަޖުބޫރުން ހިޖުރަކޮށްފައިވާ ރަފާހްއަށް އިސްރާއީލުން ފުލް ސްކޭލް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ތަކުރާރުކުރައްވާފައެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރުގެ ތަރުޖަމާނު ރަވީނާ ޝަމްދަސާނީ ވިދާޅުވީ "ޣައްޒާގައި ފަލަސްތީނުގެ މީހުންގެ އަތް ބަނދެގެން  ނިވާކޮށް ވަޅުލާފައި ތިބި ކަމަށް ބުނާ ގަބުރުތަކާ" ބެހޭ ގޮތުން ނުތަނަވަސްވާ ފަދަ ރިޕޯޓްތައް އަދިވެސް ފެންމަތިވަމުން އަންނަ ކަމަށެވެ. އަދި އިޒްރޭލުން މިހާރު ދެމުން އަންނަ ވައިގެ ހަމަލާތަކާ ގުޅިގެން ހަނގުރާމައިގެ ޖަރީމާތަކާ މެދު އަނެއްކާވެސް ކަންބޮޑުވުން ފާޅުވަމުން އަންނަ ކަމަށެވެ.

"މަރުވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނާއި ޒަހަމްވި ކަމަށް ތުހުމަތު ކުރެވޭ މީހުން ވެސް ހިމެނޭ އިރު އަނެއް ބައި މީހުން ފެނުނީ އަތްފައި ބަނދެފައި ތިއްބައި… އެމީހުން ބަނދެ، ފޭރާން ވަނީ ވިދާލާފައި،" ޝަމްދާސާނީ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *