ބޭނުންވާ ތަކެތި:
200ގ ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފައި)
1 މިރުސް (ކުދިކޮށް ކޮށާފައި)
ސްލައިސް ޗީޒް (ބޭނުން ވަރަކަށް)
10 ޕާން ފޮތި
މަޔޮނައިސް (ބޭނުން ވަރަކަށް)
1 ފިޔާ (ކުދިކޮށް ކޮށާފައި)
1 ކެޕްސިކަމް (ކުދިކޮށް ކޮށާފައި)
ރަހަލާވަރަށް ލޮނުކޮޅެއް
ރަހަލާވަރަށް އަސޭމިރުސް
1 ތަށި ސަބްމެރީން ސޯސް
ތައްޔާރުކުރާނެ ގޮތް:
ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ފިޔާ، މިރުސް، އަދި ކެޕްސިކަމް ކުޑަކޮށް ހަނާކޮށްލާށެވެ. ފިޔާކޮޅު ކުޑަކޮށް ރަތްވާން ފެށުމުން ކޮށާފައި ހުރި ކުކުޅުކޮޅު، ލޮނު އަދި އަސޭމިރުސް މީގެ ތެރެއަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ކުޅިރަހަ މަޑުހެން ހީވާނަމަ އިތުރަށް މިރުސް އެޅިދާނެއެވެ. ކުކުޅުކޮޅު ރަނގަޅަށް ރޯފިލުމުން އުނދުން މަތިން ބޭލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.
ކޮންޓެއިނަރަކަށް ކުރިން ތައްޔާރުކުރި ކުކުޅުކޮޅު އެޅުމަށްފަހު އޭގެތެރެއަށް މަޔޮނައިސްކޮޅެއް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
ޕާންފޮތި މަތީގައި ސަބްމެރީން ސޯސްކޮޅެއް ހޭކާލާށެވެ. ދެން އޭގެ މަތީގައި ކުރިން ތައްޔާރުކުރި ކުކުޅު މަސްކޮޅެއް އެޅުމަށްފަހު މައްޗަށް ޗީޒް ސްލައިސްއެއް 4 ބައިކުޅަ އެއްބައި ލާށެވެ. ދެން އިތުރު ޕާން ފޮއްޗެއްގައި ސަބްމެރީން ސޯސްކޮޅެއް އުނގުޅާލުމަށްފަހު މަތީގައި ބާއްވާށެވެ. އެއަށްފަހު ޕަނީނޯ ފިހާ އެއްޗެއްގެ ތެރެއަށްލާ ފިހެލާށެވެ.


