Monday, 26 October 2026

ކަޝްމީރުގެ ނޫސްވެރިޔާ އާސިފް ސުލްތާން ދޫކޮށްލިތާ ފަސް ދުވަސް ފަހުން އަނެއްކާވެސް ހައްޔަރުކޮށްފި

ފަސް އަހަރަށް ވުރެ ގިނަ ދުވަސް ޖަލުގައި ހޭދަކުރުމަށްފަހު މި ހަފުތާގެ ކުރީކޮޅު ދޫކޮށްލި ކަޝްމީރުގެ ނޫސްވެރިޔަކު އިންޑިއާގެ ހަރުކަށި "ޓެރަރިޒަމް މަނާކުރުމުގެ" ގާނޫނުގެ ދަށުން އެހެން މައްސަލައެއްގައި އަނެއްކާވެސް ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް އޭނާގެ ވަކީލް ވިދާޅުވެއްޖެ އެވެ.

ސުލްތާންގެ ގާނޫނީ ވަކީލް އާދިލް އަބްދުالله ޕަންޑިތު އާ ހަވާލާދީ އަލްޖަޒީރާއިން ވަނީ އާސިފް ސުލްތާން، 36، ގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުކުރު ދުވަހު ސްރީނަގަރު ސިޓީގެ ކޯޓަކަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށް ވިދާޅުވެފައެވެ.

ޕަންޑިތު ވިދާޅުވީ ސުލްތާން ހައްޔަރުކުރީ ބައިނަލްއަގްވާމީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ސިފަކުރާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު (ޔޫއޭޕީއޭ) ގެ ދަށުން ސްރީނަގަރުގެ ސެންޓްރަލް ޖަލުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކާ ގުޅޭ މައްސަލައެއްގައި މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ސްރީނަގަރަކީ އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ އެންމެ ބޮޑު ސިޓީ އަދި ވެރިރަށެވެ.

ޔޫއޭޕީއޭގެ މައްސަލައެއްގެ ދަށުން ޖާމިނުވުމަކީ ގާތްގަނޑަކަށް ނާދިރު ކަމެއް ކަމަށާއި އޭގެ މާނައަކީ ސުލްތާން މުއްދަތެއް ނެތް ގޮތަށް ޝަރީއަތަކާ ނުލައި ޖަލުގައި ބެހެެއްޓުން ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އޭނާގެ މައްސަލައަކީ ހަމަނުޖެހުން ހިންގުމާއި ގާނޫނާ ހިލާފަށް އެއްވެ އުޅުމާއި، އިންސާނުންގެ ފުރާނައަށް ނުރައްކާކުރުވުމާއި، އިންޑިއަން ޕީނަލް ކޯޑް (އައިޕީސީ) ގެ ދަށުން މީހަކު މެރުމަށް މަސައްކަތް ކުރުމާއި، ޔޫއޭޕީއޭގެ 13 ވަނަ މާއްދާގެ ދަށުން ގާނޫނާ ހިލާފު ކަންކަމަށް ވަކާލާތުކުރުމާއި، ހިތްވަރު ދިނުމާއި، ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއާ ގުޅުން ހުރި މައްސަލައެއް ކަމަށް ވަކީލް ވިދާޅުވި އެވެ.

ހަމަނުޖެހުން ހިނގި އިރު ސުލްތާން ހުންނެވީ ޖަލުގަ އެވެ. ޖަލުތެރޭގައި ހަމަނުޖެހުން ތައް ހިނގަން މެދުވެރިވީ އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުން ބޭރުގެ ޖަލުތަކަށް ގައިދީން ބަދަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން އެޅި ފިޔަވަޅަކާ ގުޅިގެންނެވެ. ކަޝްމީރުގެ އެތައް ސަތޭކަ ބަޔަކު އިންޑިއާގެ އެހެން ސަރަހައްދުތަކުގެ ޖަލުތަކުގައި ބަންދުކޮށްފައި އޮތުމުގެ ސަބަބުން އާއިލާތަކަށް އެމީހުންގެ ގާތްތިމާގެ މީހުންނާ ބައްދަލުކުރަން ވަނީ ދަތިވެފަ އެވެ.

"ހަނގުރާމަވެރިންނަށް ހިމާޔަތްދޭ" ކަމުގެ ތުހުމަތުގައި 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސުލްތާން ހައްޔަރުކުރިއިރު، ސުލްތާން މަސައްކަތް ކުރީ ސްރީނަގަރުގެ އިނގިރޭސި މަޖައްލާއެއް ކަމަށްވާ ކަޝްމީރު ނެރޭޓާގެ އެސިސްޓެންޓް އެޑިޓަރެއްގެ ގޮތުގަ އެވެ.

ނަމަވެސް އޭނާގެ އާއިލާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށް ނޫސްވެރިއެއްގެ ހައިސިއްޔަތުން އޭނާ ކުރާ މަސައްކަތުގެ ސަބަބުން އޭނާއަށް ނުރުހުންތައް އަމާޒުކުރާ ކަމަށް ބުނެފަ އެވެ.

އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރަ ޕްރަދޭޝްގެ ޖަލަކުން އޭނާ ދޫކޮށްލީފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ސުލްތާން އަނެއްކާ ވެސް ހައްޔަރު ކުރިއެވެ.

ސުލްތާނަށް 2018 ވަނަ އަހަރުގެ މައްސަލާގައި ޖާމިނު ކުރެވުނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ތަހުގީގީ އިދާރާތަކުން ހަތިޔާރު އެޅި އެއްވެސް ބަޔަކާ ގުޅުން އޮތްކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ކޯޓުން ބުނުމުންނެވެ. ކަޝްމީރުގައި 1980 ގެ އަހަރުތަކުން ފެށިގެން އިންޑިއާގެ ވެރިކަމާ ދެކޮޅަށް ހަތިޔާރު އެޅި ބަޣާވާތެއް ހިނގަމުން ދެއެވެ.

ނަމަވެސް ކަމާބެހޭ ފަރާތްތަކުން ވަގުތުން އޭނާގެ މައްޗަށް ދައުވާ ކުރީ ޕަބްލިކް ސޭފްޓީ އެކްޓް (ޕީއެސްއޭ) ގެ ދަށުން ޝަރީއަތަކާ ނުލައި ދެ އަހަރަށް ޖަލަށް ލެވޭނެ ގާނޫނެއްގެ ދަށުންނެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މިއީ ޤަވާއިދާއި ހިލާފު ގާނޫނެއް ކަމަށް ސިފަކޮށްފަ އެވެ.

އަންގާރަ ދުވަހު ސުލްތާން ދޫކޮށްލާފައި ވަނީ ޕީއެސްއޭގެ ދަށުން ސުލްތާން ބަންދުގައި ބަހައްޓަން ނެރުނު އަމުރު ޖައްމޫ އެންޑް ކަޝްމީރު ހައި ކޯޓުން ބާތިލްކުރިތާ ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *