އިސްރާއީލުން ޣައްޒާގެ މެދުތެރެއަށް މިއަދު ދިން ވައިގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ އާންމުންގެ އަދަދު 40 އަށް އަރާފައިވާއިރު، މި ހާދިސާގައި އިތުރު އެތައް ބަޔަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ މަސްދަރުތަކުން ބުނެފި އެވެ.
އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާގެ މެދުތެރޭގެ އަލް-ޒަވައިދާ އަވަށާއި ދީރް އަލް-ބަލާހް ސިޓީގައި ދިރިއުޅޭ 10 ގެއަކަށް ބޮން އެޅުމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 40 އަށް އިތުރުވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. މީގެ އިތުރުން މި ހަމަލާއާ ގުޅިގެން ބައެއް މީހުން ކުނިތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވެ އެވެ.
ހަމައެއާއެކު އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ހަނޫން ސިޓީގެ އަލް ސިއްކާ ސްޓްރީޓާއި ޣައްޒާ ސިޓީގެ ޒައިތޫން އަވަށުގެ އިރުމަތީ ފަރާތުގައި ވާ އެހެން ސަރަހައްދަކަށް ވައިގެ ހަމަލާތަކެއް ދީފައެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން 28،858 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މީގެ އިތުރުން 68،677 މީހުން ޒަޚަމްވެފައިވާއިރު، ވީނުވީ އެއް ނޭގި ފަލަސްތީނުގެ 8،000 މީހުން ވަނީ ގެއްލިފަ އެވެ.


