ބީއެމްއެލް އަށް ޑޮލަރު ލިބުން ދަތިވެ ރުފިޔާ އެކައުންޓުތަކުގެ ކާޑު ލިމިޓް 90 ޕަސެންޓާ ހަމަޔަށް ކުޑަކުރަން ޖެހިދާނެ ކަމަށް އެ ބޭންކުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާގައި ބުނެފައި ވިޔަސް އެފަދަ އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށާއި ޑޮލަރުގެ މައްސަލަ ހައްލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ވަނީ ބީއެމްއެލުން ދޫކުރާ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނެގޭ މިންވަރު ކުޑަ ކުރަން ނިންމަނީ ކަމަށް ބުނެ، ރާއްޖޭގެ ބައެއް މީޑިއާތަކުން ހަގީގަތާ ހިލާފު ހަބަރު ފަތުރަމުންދާ ކަމަށެވެ. ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަ ކުރުމަށް އެއްވެސް ނިންމުމެއް ބީއެމްއެލް އިން އަދި ނިންމާފައި ނުވާ ކަމުގެ ޔަގީންކަން ބޭންކުން މިނިސްޓްރީއަށް ދީފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
"ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަކުރުމަށް އެއްވެސް ނިންމުމެއް ބޭންކް އޮފް މޯލްޑިވްސް އިން އަދި ނިންމާފައި ނުވާކަމުގެ ޔަގީންކަން އެ ބޭންކުން މި މިނިސްޓްރީއަށް ވަނީ ދެއްވައިފަ އެވެ." ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ވަނީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތަަށް ބަލައި، ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުތަކުގެ ލިމިޓަށާއި ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތައް ގެނައުމަށް މިނިސްޓްރީ އާއި މޯލްޑިވްސް މަނެޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ގައުމަށް ކުރިމަތިވެފައި ހުރި މާލީ ދަތިތަކުން އަރައިގަނެ، ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލުތަކެއް ސަރުކާރުން ގެންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
"އިގްތިސާދީ މިފަދަ މައްސަލަތަކުގައި ރައްޔިތުން ކަންބޮޑުވާނެ ފަދަ މޭރުމަކުން ހަބަރުތައް ނުފެތުރުމަށާއި ޒިންމާދާރުކަމާއި ކަމުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް ރާއްޖޭގެ ހަބަރު ފަތުރާ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ،" ފިނޭންސްގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 18ރ. އަށް ވުރެ މަތީގަ އެވެ. ބީއެމްއެލް އިން ބުނީ، ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި އެހާ ބޮޑަށް ފުޅާވުމުން އެ ބޭންކު މެދުވެރިކޮށް ޑޮލަރު މާރުކުރަން އަންނަ މީހުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.


