ގދ. ރަތަފަންދޫ ނޫވިލާގެއަށް އުފަން ސާމިހް ޝެހެނާޒް ބޮޑުވެގެން އައީވެސް ތައުލީމަށް ލޯބިކުރަ އަދި ހާއްސަކޮށް އެހެން މީހުންނަށް އުނގަންނައިދިނުމަށް މަސައްކަތް ކުރި ބައެއްގެ ތެރެއިންނެވެ. އޭރު ދަރުމަވަންތަ ސްކޫލް ނިންމާ ވަޒީފާގެ މާހައުލަށް ނިކުތްނަމަވެސް މިއަދު ހުރި ހިސާބަށް ވާސިލްވުމަށް ސާމިހް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ސާމިހް މިހާރުވެސް ދަނީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރަމުންނެވެ. އަދި އެމްޓީސީސީގެ ސޭލްސް ޑިވިޝަންގަ މަސައްކަތް ކުރަމުންދާއިރު، މަސައްކަތުގެ ދާއިރާއިން ސާމިހް ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ގާތްގަނޑަކަށް ހުރިހާ ރަށަކަށް ދަތުރުކޮށްފަ އެވެ. އަދި މިދަތުރުތަކުގައި ކުންފުނިން ވިއްކާ ތަކެތީގެ މައުލޫމާތު މީހުންނަށް ފޯރުކޮށްދިނުމުގެ ނަތީޖާއަކަށްވީ ޕަބްލިކް ސްޕީކިންގެ ހުނަރާއި ތަޖިރުބާ ސާމިހުއަށް ލިބުމެވެ.
މި ފީޗާ އިންޓަވިއުގައި ގެނެސްދޭ 10 ސުވާލު ހާއްސަކޮށްލާފައިވާނީ އެމްޓީސީސީގެ މުވައްޒަފެއް އަދި މާސްޓަރ ޓްރެއިނާރ އެއް ކަމަށްވާ ސާމިހް ކާމިޔާބީ އާއި ހަމަޔަށް ކުރި ދަތުރަށެވެ.
1. މި ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ ކިހިނެތް؟
މިކަމަކީ އަސްލު މަންމަގެ ކިބައިން ލިބިފައިން ހުނަރަކާއި ޝައުގެއް. މަންމަ އަކީ ޓީޗަރެއް އަދި އެއްބަނޑު އެއްބަފާ ދައްތައަކީވެސް ޓީޗަރެއް. އެންމެ ކުޑައިރުއްސުރެން ފެށިގެންވެސް ފެނޭ މަންމަ އަބަދުވެސް ކިޔަވައި ދިނުމުގަ އުޅޭތަން. އެހާ ހިސާބުން ވަރަށްވެސް އިންސްޕަޔާވި މިކަން ކުރަން.

އެކަމަކު އޭރުވެސް ކުރަން ހިތުލައިގެނެއްނޫން ހުރީކީ. އެހެން ހުއްޓާ އެމްޓީސީސީގެ ފަރާތުން ދުބާއީގެ އެމިރެޓްސް އެކަޑަމީ އޮފް ހޮސްޕިޓަލިޓީ މެނޭޖްމަންޓުން، ޓްރެއިން އޮފް ޓްރެއިނާރ ޕްރޮގްރާމް ފުރިހަމަކޮށް (5*) ކަސްޓަމާ ސާރވިސް ޕްރޮގްރާމްއެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބުނު. މި ތަމްރީން ހޯދުމަށްފަހު އަނބުރާ ރާއްޖެ އައިސް ފުރަތަމަ ކުރި ކަމަކީ އެކުގައި މަސައްކަތް ކުރާ އެމްޓީސީސީގެ މުވައްޒިފުން ތަމްރީން ކުރުން. ހުރިހައި ކަމެއްގެވެސް ފެށުމަކީ އެމްޓީސީސީގެ މެނޭޖްމަންޓްއިން ދިން އަދި ދެމުންދާ ފުރިހަމަ އެއްބާރުލުމާއި ފަހި ފުރުސަތުތައް. ބުނެވިދާނެ އަޅުގަނޑަކީ އެމްޓީސީސީއިން އުފެއްދި ޕްރޮޑަކްޓެކޭވެސް. މިއީ މިކަން ކުރުމަށް ޝައުގުވެރިކަން އުފެދުނު ގޮތަކީ.
2. ޓްރެއިނާރސް އަކީ ކޮބާ؟ އެމީހުންގެ ސަބަބުން މުޖުތަމައުއަށް ވާ ފައިދާއަކީ ކޮބާ؟
ހަގީގަތުގަ ޓްރެއިނާސް އަކީ ވަރަށްވެސް މުހިންމު ބައެއް. ދުނިޔެ އަވަސްކޮށް ބަދަލުވަމުން ދާއިރު އައު ކަންކަން ދަސްކޮށް ކިޔާދޭންވެސް ބަޔަކު ތިބެން އެބަޖެހޭ. އިންސާނާގެ ސިކުނޑި ތަރައްޤީ ވަނީ ބަޔަކު އުޅެގެން. އިންސާނުންނަނީ ދަސްކުރަން ވަރަށް ފަސޭހަ ބައެއް. އަދި އިންސާނީ ތަރައްޤީއަކީވެސް ހަގީގަތުގައި ވަރަށް ފަސޭހައިން ގެނެވޭކަމެއް. އެކަމަކު އެކަން ކުރާނީ ބައެއްގެ ބެލުމުގެ ދަށުންނާއި ލަފާގެ މަތިން. އެހެން ކަމުން ކުރި އަރަމުން އަންނަ ގައުމަކަށް ރާއްޖެ ވެފަ، ސާވިސް އިންޑަސްޓްރީއަށްވެސް ވަރަށް ގިނަ ކުރިއެރުންތަކެއް އަންނަ އިރު އެކުރިއެރުންތަކާއި އެވަރަށް މީހުންވެސް ކުރިއަރަން އެބަޖެހޭ. މިސަބަބާހެދި އަސްލު ޓްރެއިނަރުން މުހިންމު ވަނީ. ޗޭންޖް ގެނައުމަށް.
3. މީހުން ޓްރެއިން ކުރާ ވަކި ފީލްޑެއް އޮވޭތަ؟
އިންސާނާ ތަރައްގީވާން ޖެހޭ ވަރަށް ގިނަ ފީލްޑް އެބަހުރި. އެއީ އިންސާނީ ވިސްނުން ކަމުގައި ވިޔަސް. އާންމުކޮށް ތަމްރީން ދޭ ދާއިރާތަކަކީ، ކަސްޓަމަރް ސާވިސް އެކްސެލެންސް، ލީޑާރޝިޕް އަދި ޓީމް ބިލްޑިންގް، ޕްރޮފެޝަނަލް އަދި ޕާސަނަލް ޑިވެލޮޕްމަންޓް، ކޮމިއުނިކޭޝަން، ކޮންފްލިކްޓް ރިޒޮލިއުޝަން، ޕްރެޒެންޓޭޝަން ސްކިލްސް، ޕަބްލިކް ސްޕީކިންގް، މެންޓަރިންގް، އަދި ޓީއޯޓީ ޕްރޮގްރާމްސްވެސް ހިންގަން.
4. އެންމެ ފުރަތަމަ ބޭއްވި ސެޝަން އާއި މިހާރާއި އަޅާބަލާއިރު ލިބުނު ކުރިއެރުން ތަކަކީ ކޮބާ؟
ކޮންމެ ޝެޝަން އަކީވެސް ކަންކަން ދަސްކޮށްދީ އަދި އަމިއްލައަށްވެސް އާ ކަންކަން ދަސްވާ ޝެޝަންއެއް. އެހެންވީމަ ވަރަށް ގިނަ ކުރިއެރުންތަކެއް ލިބުނު. އަމިއްލަ މީހާވެސް ތަރައްޤީ ވާން ފެށި. އެންމެ ފުރަތަމަ ސެޝަން ހިންގީ 6 ނޫނީ 7 ބައިވެރިންނަށް، އެކަމަކު މިހާރު އަމިއްލަ ބްރޭންޑް އައިޑެންޓިޓީ އެއް އުފެއްދުނީމަ އެއްފަހަރާ ގާތްގަނޑަކަށް 30 މީހުން އަދި 40 މީހުންގެ ސެޝަންވެސް ނަގައިދެން.

ދެން ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ އަމިއްލަ ކުންފުންޏެއް އުފެއްދުން. ކުރީގައި ސެޝަންތަށް ހިންގީ އަމިއްލަ ނަމުގައި، ފަހި ޓްރެއިނިންގް އުފައްދާ ބައިވެރިންނަށް ސެޓްފިކެޓްވެސް އެބަ ދެން. މީގެ އިތުރުން، އެންމެ ފުރަތަމަ ސެޝަން ހިންގި އިރު ނަގާފައިވަނީ ޓީއޯޓީގެ އެއް ސާރޓިފިކޭޝަން، އެކަމަކު މިހާރު އިތުރު ތަމްރީންތަކަށްފަހު އަދި އިތުރު ސާރޓިފިކޭޝަން ހޯދުމަށްފަހު ދެވޭ ތަމްރީނު ތަކުގެ ކޮލިޓީ އަދި ފީޑްބެކް ވަރަށްވެސް ތަފާތު. ކޮންމެ ސެޝަންއެއް ނަގާ ދިނުމަށްފަހުވެސް، ފީޑްބެކް ނަގަން. އެންމެ އުފާވަނީ 99% ފީޑްބެކްގައި އަބަދުވެސް "މީ ތިމާގެ ހަޔާތުގައި ބައިވެރި ވެވުނު އެންމެ ފުރިހަމަ އަދި އެންމެ ސަޅި ސެޝަންއޭ" ބައިވެރިން ބުނާތީ.
5. ހަމައެކަނި އެމްޓީސީސީ މުވައްޒަފުން އެކަނިތަ ޓްރެއިން ކޮށްދެނީ؟
އަޅުގަނޑުގެ ޕްރައިމެރީ އޯޑިއަންސް އަކީ އެމްޓީސީސީ ގެ މުވައްޒިފުން. ސެކަންޑަރީ އޯޑިއަންސް އަކީ އެކްސްޓާނަލް ކްލައިންޓްސް. އެހެންވީމާ އަބަދުވެސް އިސްކަން ދެނީ އެމްޓީސީސީ ޓްރެއިނިންތަކަށް. ދެން ޝެޑިއުލް ކުރާއިރު، އެކްސްޓާނަލް ކްލައިންޓުންނަށް ވަގުތު ދެނީ އެމްޓީސީސީގެ ޝެޑިއުލް އިން ހުސްވާ ވަގުތުތަކުގަ.

ފަހި ޓްރެއިންނިންގް އުފެދުނު ފަހުން ވަރަށް ގިނަ ރިކުއެސްޓް އާދޭ. އެކުގައި އުޅޭ އެހެން ޓްރެއިނާރސްއާ ގަޑިތައް ބަހާލައިގެން ދެނީ. 2022 ވަނަ އަހަރު އެކަނިވެސް އެމްޓީސީސީގެ 562 މުވައްޒިފުން ތަމްރީނުކޮށް 219 ގަޑިއިރުގެ ތަމްރީނު ދިނިން.
6. މިއީ ޒުވާނުންނަށް އެކަނި ބާއްވާ ސެޝަންތަކެއްތަ؟
އިލްމު އުނގެނެން ވަކި އުމުރެއް ނެތްކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެހެން ކަމުން ތަމްރީނުތަށް ދިނުމުގައި ވަކި އުމުރެއް ނުބަލަން. ބައެއް ކްލައިންޓުންގެ ތިބޭ ވަރަށް ތަޖުރިބާ ހުރި ދޮށީ އުމުރުގެ މުވައްޒިފުންވެސް. އަދި އެމްޓީސީސީގަވެސް ތިބޭ ވަރަށް ދުވަހު ޚިދުމަތްކޮއްދެމުންދާ މުވައްޒިފުންވެސް. އަޅުގަނޑަން ފާހަގަވީ މަލްޓި ޖެނެރޭޝަނަލް ޓެރެއިނިންގް ނެގީމަ ޒުވާން ޖީލަށް ވަރަށް ފައިދާ ކުރާކަން. ގިނަ ތަޖުރިބާ ހިއްސާ ކުރެވި، ކުރީގެ ތާރީޚް ތަކުގައި ޚިދުމަށް ދެމުން އައި ގޮތާއި، ކަންކަން ކުރެވިގެން ދިޔަގޮތް އެނގުމުން ޒުވާން ސިކުނޑިއަށް އިތުރު ތަޖުރިބާ ލިބި ތާޒާވެގެންދޭ.

ހަމަ އެފަދައިން ޒުވާން ޖީލުގެ ޚިދުމަތް ލިބިގަންނަން ބޭނުންވާ ގޮތްތަށްވެސް ހިއްސާ ކުރެވުނީމަ، ތަޖުރިބާ ހުރި ފަރާތްތަކަށްވެސް އެކަންކަން ދަސްވެގެންދޭ. އަޅުގަނޑުގެ ސެޝަންތަކުގައި ތަމްރީން ވުމަށް ވަކި އުމުރެއް ނެތް. އުނގެނެން، އާ ކަމެއް ދަސްކުރަން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ބައިވެރި ވެވޭނެ. މި ސެޝަންގެ ބޭނުން އެންމެ ބޮޑަށް އަމާޒު ކޮށްފައިވާނީ ކޯރޕަރޭޓް ލެވެލްތަކަށް ނުވަތަ ކުންފުނިތަކަށާއި ވިޔަފާރިތަކަށް. މުވައްޒިފުން ގެންގުޅޭ އަދި ޚާއްސަކޮށް ކަސްޓަމާރ ސާވިސް ދޭ ފަރާތްތަކަށް ބަދަލު ވަމުން އަންނަ ދުނިޔެއެއްގައި މިފަދަ ތަމްރީން ޕްރޮގްރާމް ތަކަކީ ވަރަށް މުހިންމު ކަމެއް.
"ކުރިއަރަން މަސައްކަތް ކުރާ މީހަކަށް ކުރިއެރުން ލިބޭނީ، އެ މީހެއްގެ ސިކުނޑީ އަދި އުޅުންވެސް ބަދަލުކޮށްގެން. އިންސާނާއަކީ ބަދަލުތަކަށް ވަރަށް ފަރިތަ ބައެެއް، ގަދަ އަޅާ މަސައްކަތްކޮށް ހިތްވަރު ދޫކޮށްނުލާ ކުރިއަށް ދާން އަޒުމެއް ކަނޑައަޅާ ފުރަތަމަ ފިޔަވަޅު އަޅަންވީ" – ސާމިހް
7. މި ޓްރެއިނިން ތަކުގައި ކިޔާދެނީ ކޮން އެއްޗެއްސެއް؟
މި ޓްރެއިންނގތަކުގައި ހިމެނޭ ވަރަށް ގިނަ ބައިތަށް ހުރޭ. މި ގޮތަށް އިންޓަރވިއުއެއްގަ ހަގީގަތުގަ ހުރިހާ ބައިތަކެއް ގެނެސްދޭން ވެސް ދަތިވާނެ. އާންމުކޮށް ސެޝަންތަކުގަ ނަގައިދޭ ބައިތަކުގެ ތެރޭގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް، ޕާސަނަލް ޑިވެލޮޕްމަންޓް، ކަސްޓަމާރ ސާވިސް ފަދަ މުހިއްމު ބައިތައް ހިމެނޭ. އަދިވެސް ގިނަ ބައިތައް ނަގާދެން.
8. ޓްރެއިނިންތަކުގައި އެއްވެސް ފިޒިކަލް އެކްޓިވިޓީސްއެއް ކުރިއަށް ގެންދާނެތަ؟
ހުރިހައި ޓްރެއިނިންގްއެއްވެސް ދެނީ އަބަދުވެސް ހުރި މައްސަލަތަކަށް އެޑްރެސްކޮށްފަ. ޖެނެރަލް ޓްރެއިނިންގްސްގެ އިތުރުން ކޮންމެ ކްލައިންޓްއެއްގެ އޯޑިއަންސްއަށް ހާއްސަކޮށް ފަރުމާކޮއްފައި ހުންނަ ކޮންޓެންޓް ދެނީ. އެހެންވީމަ، އެ ކޮންޓެންޓްއަކާއި ގުޅޭގޮތަށް އެކްޓިވިޓީސް ހުންނާނެ. އަޅުގަނޑު ޤަބޫލުކުރަނީ މިގޮތަށް ސެޝަންސް ކުރިއަށް ގެންދިޔައީމަ ކަންކަން ދަސްވެ ގިނަ ދުވަހު ހަނދާން ހުންނާނެ. ކުޅެގެން ދަސްކުރާ އުސޫލެއް އަޅުގަނޑު ގެންގުޅެނީ. އެއީ، އިންސާނީ ތަބީއަތު ހުންނަގޮތުން އަސްލު ގައިގަ ހުންނަ ސިފަތަށް ފެންނާނީ އިންސާނާ އުފާވާ ވަގުތާއި ދެރަވާ ވަގުތުގަ. އެކަން ކުރެވޭނީ ކުޅިވަރާއި ވިސްނުމުގެ ތެރެއިން.

9. މި ސެޝަންތަކުގެ އެހީގައި ކުރިއަށް ދާން ކޮންކަހަލަ ފުރުސަތުތަކެއް މި ލިބެނީ؟
އުފާވާ ކަމަކީ، އަޅުގަނޑު ތަމްރީނުދިން ގިނަ ކުދިންނާއި މީހުންނަކީ ބަދަލު ގެންނަ ބަޔަކަށް ވާކަން. މަސައްކަތުގަ އާއި އަމިއްލަ ދިރިއުޅުމުގައި ވެސް ހެޔޮ ބަދަލު އަންނަކަން ފާހަގަ ވެފަ އެބައޮތް. އަޚްލާގީ ގޮތުންވެސް އަދި ސާވިސް ސައިޑުން ބެލިޔަސް، ކުރިއެރުންތަކެއް ހޯދާ އަމަލީ ގޮތުން ބަދަލު ފެންނަތަން ފެނޭ. އެ ކުދިންގެ ވިސްނުން ބަދަލުވާތަށް ފެނޭ. ގިނަގުނަ ކާމިޔާބީތައަ ހާސިލްކުރާތަށް ފެނޭ. ތަނެއް ކުރިއަރާ ސިފަ ގެނެވިދާނެ، އެކަމަކު ތަން ކުރިއަރާނީ ތަނުގައި ތިބި މީހުންގެ ވިސްނުމާއި އަމަލަށް ބަދަލެއް އައިސްގެން.
މި ސެޝަންތަކުން އިންސާނާގެ ވިސްނުމާއި އަޚްލާގަށް ވަރަށް ގިނަ ބަދަލުތަށް ގެނެވޭ. ރަނގަޅު ބަދަލު ގެންނަ މީހުންނަށް ކުރިއެރުމަށް ފަހި ފުރުސަތުތައް ލިބިފަ ހުރިތަންވެސް އަޅުގަނޑަށް ފެނިފަ އެބަހުރި. ކުންފުންޏެއް ނަމަ ތަނުގެ ވެރިންނަށް އެ ކުރިއެރުން ފެނި އިތުރަށް ކުރިއެރުމަށް ވަރަށް ގިނަ މަގުތަށް ފަހި ވެގެންދާތަންވެސް ފެނިފަ އެބަހުރި.
10. ސާމިހް ގެ ޑިވެލޮޕްމަންޓްގަ އެމްޓީސީސީގެ ދައުރަކީ ކޮބާ؟
ހުރިހައި ތަމްރީނެއް ފަހިކޮއްދީ ތަރައްޤީ ވުމަށް އެމްޓީސީސީއިން ވަރަށް ފުރުސަތުދިން. އެފުރުސަތުގައި ހިފާ އެކަމަށް ގަދައަޅާ މަސަކަތް ކުރިން. އެމްޓީސީސީއިން ތަމްރީނު ދީފިއްޔާ އަބަދުވެސް ތަމްރީނު ނިންމާފައި އޮންނަ ވަކި މުއްދަތެއްގައި އެކުގައުޅޭ މުވައްޒިފުންނަށް އެ ތަމްރީން އަޅުގަނޑުދޭން. އެހެން ކަމުން ތަމްރީނެއް ލިބިއްޖެއްޔާ އަބަދުވެސް އެ ތަމްރީން ވަކި ހިސާބަކުން ހުއްޓާނުލެވޭނެ. އަބަދުވެސް އެކުގަ މަސައްކަތް ކުރާ އެހެން މުވައްޒިފުންނަށް އެތަމްރީން ދޭންޖެހޭނެ. އެއީ ވަރަށް ރަނގަޅުކަމެއް ކަމަށް އަޅުގަނޑު ދެކެނީ. އޭގެ މިސާލެއް އެއީ އަޅުގަނޑަށްވުރެއްވެސް މޮޅު ޓީމެއް އަޅުގަނޑަށް ތަމްރީނުކުރެވުންކަން.
"މި ފުރުސަތުގައި އެމްޓީސީސީއިން މިކަމުގައި އަޅުގަނޑަށް ދެއްވި އެންމެހައި ފުރުސަތުތަކަށް އެމްޓީސީސީގެ މެނޭޖްމަންޓްއަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. "


