Tuesday, 28 July 2026
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ފޮޓޯ: ސަން

ޔާމީނަށް ފުރުސަތެއް ލިބޭނެތަ؟

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް އަދިވެސް ފުރުސަތެއް އޮތްކަމަށް ސަޕޯޓަރުން ޝައްކެއްވެސް ނުކުރެއެވެ. އެންމެ ފަހު މިނިޓާއި ޖެހެންދެންވެސް މި ރިޔާސީ އިންތިހާބަށް ޔާމީން ނެރުމަށް ޕީޕީއެމް/ޕީއެންސީއިން ދަނީ ނިންޖާއި ދާ އޮހޮރުވައިގެން ކުރެވެން އޮތް މަސައްކަތެއް ކުރަމުންނެވެ. އެހެންނަމަވެސް ހަގީގަތުގައިވެސް ހިތުގައި އުފެދޭ ސުވާލަކީ ޔާމީނަށް މި ރިޔާސީ އިންތިހާބުން ފުރުސަތެއް ލިބޭނެތޯ އެވެ؟

އެތައް ހާސް ދިވެހިންނެއް އެދެނީ އެ މަނިކުފާނު ވެރިކަމަށް ގެންނާށެވެ. އެ ކަމަށްޓަކައި އެންމެ ފަހުގެ އުންމީދެއްގައި މިހާރު އެ ގެންދަވަނީ ސުޕްރީމް ކޯޓުގައި މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުން ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމަށް ދައުލަތުން އުފުލި ދެ ދައުވާ ވެސް ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމްކޮށް، މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ހުކުމް ތަންފީޒު ކުރައްވަން، ޔާމީން އަދި ވެސް ހުންނެވީ މާފުށީ ޖަލުގައެވެ.

އެ މަނިކުފާނުގެ ފަރާތްޕުޅުން، އޮތީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ވެސް ކޮށްފައެވެ. ނަމަވެސް، އެ މައްސަލަ މަޑުޖެހި ދެން މިއޮތް ދުވަސްކޮޅު ތެރޭގައި ނުނިމޭނެކަން މުޅިންހެން ޔަގީންވެއްޖެއެވެ.

އެހެންކަމުން ވަގުތު ބޭކާރު ނުކޮށް ޕީއެންސީއިން މިވަނީ އެމަނިކުފާނު އެންމެ އިތުބާރު ކުރައްވާ އެއް ބޭފުޅެއް ކަމަށް މާލޭސިޓީގެ މޭޔަރު މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފަ އެވެ. މިއީ ޔާމީންގެ ސަޕޯޓަރުން އެންމެ ރުހޭގޮތް ނޫންކަން ސޯޝަލް މީޑިޔާ ޕްލެޓްފޯމަށް ބަލާލުމުންވެސް އެނގެއެވެ. އަދި ގިނަ ސަޕޯޓަރުން ދަނީ މިއީ ވަރަށްބޮޑު ރިސްކެއް ކަމަށްވެސް ބުނަމުންނެވެ.

ހާއްސަކޮށް މި ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދެމެދުގައި ހިނގި ބޮޑު އަރާރުމަކީ އޭގެން ފިލާވަޅެއް ލިބިގަންނަން ޖެހޭ ކަމެކެވެ. އެހެންނަމަވެސް މިވަގުތު ޑރ. މުއިއްޒުއަށް އިތުބާރުކުރުން ނޫންގޮތެއް ޔާމީނަށްވެސް ނެތެވެ.

ކޮންމެ ގޮތެއް ވިޔަސް ކޯޓު އަމުރަކުން ޔާމީން މިނިވަން ކުރެވޭނެ ގޮތެއް އަދި ނެތެވެ. އޮތް ހަމަ އެކަނި މަގަކަށް ވާނީ، އެ މަނިކުފާނުގެ އިސްތިއުނާފީ މައްސަލައިގައި ނިހާއީ ހުކުމެއް އިއްވުމެވެ. އެ ނޫން ގޮތަކަށް އެ މަނިކުފާނަށް ވާދަ ކުރެއްވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *