Tuesday, 28 July 2026
ފައިލް ޕޯޓޮ: ރާއްޖެ

ދޮން މީހުން

ދިވެހިރާއްޖެއަކީ އިންޑިޔާކަނޑުގައި އަތުރާލެވިފައިވާ ރަންމުތްތަކެއްގެ ގޮތުގައި ސިފަކުރެވެމުން އަންނަ ކުޑަކުޑަ ޖަޒީރާ ޤައުމެކެވެ. މިރާއްޖޭގެ ސާފު މޫދާއި ހުދުވެލި ގޮނޑުދޮއްތަކާއި ހަމަހިމޭން މާޙައުލަކީ ދިވެހިންނަށް ލިބިފައިވާ އިލާހީ ނިޢުމަތްތަކެވެ. އޯގާވެރި ރައްބެއްގެފަރާތުން ހިބަކޮށް ދެއްވައިފައި އޮތް މަތިވެރި ރައުސްމާލެކެވެ. މި ނޫން އެހެން ރާއްޖެތަކުގެ މީހުން މި ރާއްޖޭގެ ރީތިކަންދެކެލައި، ހިތްގައިމުކަން ހޯދަން އަންނަ އައުމަކީ ދިވެހިރާއްޖެއަށް އާމްދަނީ ލިބުމަށް އޮތް ތަނަވަސްމަގެކެވެ. ދަތުރުކުރާ ފަތުރުވެރިންނަށް ޚާއްޞަކޮށްގެން ޚިދުމަތްދިނުން އެއީ މަންފާގެ ގޮތުން ފައިދާބޮޑު ވިޔަފާރިއެކެވެ.

1960ގައި ޔުނައިޓެޑް ނޭޝަންސް މިޝަން އޮން ޑިވަލޮޕްމަންޓުން ދިވެހިރާއްޖެއަށްކުރި ޒިޔާރަތުގައި ކަނޑައަޅާފައި ވަނީ ދިވެހިރާއްޖެއަކީ ޓުއަރިޒަމަށް އެކަށޭނަ ނޫން ތަނެއްގެ ގޮތުގައެވެ. އެހެނަސް އެކަން އެހެންގޮތަކަށް ބަދަލުވެ އޭގެ 12 އަހަރުފަހުން ފަރުތުވެރިންނަށް ޚާއްޞަކޮށްގެން މި ރާއްޖޭގައި ހުޅުވުނު ފުރަތަމަ ރިޒޯޓަކީ 1972ގައި ހުޅުވުނު ކުރުނބާ އައިލެންޑް ރިޒޯޓެވެ. ރާއްޖެއަށް ފުރަތަމަ ޒިޔާރަތްކުރި، ފުރަތަމަ ފަތުރުވެރިންގެ ޖަމާޢަތް ރާއްޖެ އައިސްފައި ވަނީ 1972ގެ ފެބްރުއަރީ މަހުގެތެރޭގައި ކަންމަށް ތާރީޚުބުނެއެވެ. 280 އެނދާ އެކު ދިވެހިރާއްޖޭގެ ޓޫރިޒަމް ފެށިގެން އައިއިރު އެންމެ ފުރަތަމަ ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ހުރި ކުރުނބާ އައިލެންޑް ރިޒޯޓަށް ފަހު ދެވަނައަށް ހުޅުވުނީ ބަނޑޮސް އައިލެންޑް ރިޒޯޓެވެ.

މީހުން ދިރިނޫޅޭ ފަޅު ރަށްރަށުގައި ރިޒޯޓްތައް ހަދައިގެން ކާމިޔާބުކަމާ އެކު ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އައިއިރު ދިވެހި ދައުލަތުގެ މާލިއްޔަތު އައީ އިތުރުވެ ތަނަވަސް ވަމުންނެވެ. ރިޒޯޓް ހިންގާ ފަރާތްތަކުގެ ތަނަވަސްކަން ވެސް އައީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތަށް އައީ އިތުރުވެ ގިނަވަމުންނެވެ. ދިވެހިވަންތަ އުފެއްދުންތަށް ރިޒޯޓް މާރުކޭޓުގައި އިތުރުވެ ފަރުދީ މަސައްކަތްތެރިންގެ މާލިއްޔަތު އައީ މުއްސަނދިވަމުންނެވެ. ފަތުރުވެރިންނަށް ހުށައެޅޭ އެނދުގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވެ ގިނަވަމުން އައިއިރު ދަތުރު ފަތުރުގެ ވިޔަފާރިކުރާފަރާތްތަށް އެ މީހުންގެ ވިޔަފާރި ފުޅާކުރަމުން ގެންދިޔައެވެ. ވަޒީފާގެ ބާޒާރަށް އިތުރުވާ ޖާގަތަކުން އާންމު ޢާއިލާތަކަށް ތަނަވަސްކަން އަންނަމުންދިޔައެވެ. ފަރުފަރުން ބޮލިހިލާ މީހުންނަށް ރަށުގައިތިބެގެން އާމްދަނީ ހޯދެއެވެ. ފަންގިވިނުމާއި ރޯނުވެށުމަކީ ވެސް ޓޫރިޒަމްގެ ތެރިއިން އާމްދަނީލިބޭ ކަމެއްގެގޮތުގައި ހިމެނިގެންދިޔައެވެ. ފަރުމަސްވެރިކަމާއި ފީނުމަކީ ވެސް ރިޒޯޓު މާކެޓަށް ވައްދައިލެވުނު، ރަނގަޅު މަންފާއެއް ލިބޭ ވިޔަފާރިއަކަށް އޮތީ ވެފައެވެ. ދިވެހިން ދިޔައީ ދިވެހިންގެ ގޮތުގައި ކުރިއަރައި ދުނިޔަވީ މުއްސަނދިކަން ވެސް ހޯދަމުންނެވެ.

މިއަދު ދިވެހިރާއްޖޭގައި ސަތޭކައެތައް ރިސޯޓެއް ހިންގަމުން ދާއިރު، ވިސްނާލަންވީ ޓޫރިޒަމްގެ ޙަރަކާތް ފެށިގެން އައިއިރު ދިވެހިން ތިބި ހިސާބާ މިއަދު ދިވެހިން މިތިބަ ހިސާބެވެ! ޓޫރިޒަމްގެ ވިޔަފާރި ކުރިއަރައިފިތޯއެވެ؟ ދިވެހިންނަށް ކުރިއެރުމެއް އައިތޯއެވެ.؟ ނަތީޖާ ރަނގަޅުތޯއެވެ؟ އަޅުގަނޑާއެކު ކުރިޔަށް ވަޑައިގަންނަވާށެވެ! ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އަގުތަކެއް ހިފެހެއްޓިފައި ހުއްޓެވެ. އެ ގޮތުން ދިވެހިންގެ ސަޤާފަތާއި ދިރިއުޅުމުގެ ވައްޓަފާޅި ދައްކައިލުމަށް ޓޫރިސްޓުން، މީހުން ދިރިއުޅޭ ރަށްރަށަށް އަރުވަން ޖެހިއްޖެއް ނަމަ އެ މީހުންނަށް ނިވާކަން ބޮޑެތި ހެދުން އަޅަން އެންގުމާއި، ކަނޑައެޅޭ ވަކި ވަގުތުތަކެއްގައި ނޫނީ ރަށްރަށަށް ނޭރުވުމާއި، އެ ރަށްރަށުގައި ވެސް އެ މީހުންނަށް ގޮސްނޫޅެވޭ ހިސާބުތަކެއް ކަނޑައެޅިފައިވުން ހިމެނެއެވެ. ރަށަކަށް ގެސްޓުންގެ ބަޔަކު އަރައިފިއްޔާ، "ދޮން މީހުން" އައީ…" "ދޮން މީހުން" އައީ…" އޭ ބުނަމުން ޅަދަރިން ގޭތެރެއަށް ވެއްދުން ވެސް އެއީ ތަރުބަވީގޮތުން ދިވެހިން ކޮށްއުޅުނު ކަންކަމެވެ. އެބައިމީހުންގެ އެކިއެކި ޢަމަލުތައް ދަރިންނަށް ތަމްޞީލުވާން ބޭނުންނުވި ދިވެހި މައިންބަފައިންގެ ޢަމަލުހުރީ މި ދެންނެވި ބީދައިންނެވެ.

އެހެނަސް މިއަދު މި ވަނީ މި މަތިވެރި އަޚްލާގަކީ ތާރީޚުގެ ފަތްފުއްތައްކަމުގައި ވެފައެވެ. ދިވެހި މުވާޠިނުންނާއި ދުރުގައި އޮތް ޓޫރިޒަމާ ދިވެހިން ގާތްވަމުންގާތްވަމުން ގޮސް، މިއަދު ޓޫރިޒަމް މި ވަނީ މީހުންދިރިއުޅޭ ރަށްރަށް، ކިޔެއްތޯ! މީހުން ދިރިއުޅޭ ގޭގެއަށް ވެސް ވަދެފައެވެ. "ދޮންމީހުން" ގެނައި ފައިސާ ފޮއްޗާއި ހުދާ ކަޅުގެ ނޫޓުތައް ދިވެހިން ގެންގުޅޭ ކުލަރީތި ފައިސާއަށްވުރެ ޗާލުވީއެވެ. ކޮންމެ ދިވެއްސެއްގެ ޖީބަށް ޑޮލަރުވައްދަން ބޭނުންވީއެވެ.

2009ވަނަ އަހަރު މީހުން ދިރިއުޅޭ ރަށްރަށުގައި "ގެސްޓް ހައުސް ވިޔަފާރި" ކުރުމުގެ ހުއްދަ ލިބުން ވެގެން ދިޔައީ، ދާއިމީ ގެއްލުނެއްދޭ ވަގުތީ އުފަލަކަށެވެ. އެ ދުވަހު މި ކަން ބަލައިގަތް ގިނަބަޔަކު މިއަދު ހިތާމަ ވެސް އެބަކުރެއެވެ. ދުލުގައި ލީ ފޮނިރަހަ ކަރާހަމައަށް ފޯރިއިރު އޭގައިލަނީ ހިތިރަހައެވެ. އަމިއްލަ ގެދޮރު ގެސްޓް ހޮޓާތަކަށް ބަދަލުކޮށްލީ ތަނަވަސްކަމުގެ ހުވަފެން ދެކެވޭތީ އެކަންޏެއްނޫނެވެ. އަވައްޓެރިޔާގެ ގެއިން ލިބޭ ރަނގަޅު ނަތީޖާ ތަޖުރިބާ ވެސް ކުރެވުނީމައެވެ. އަތިރިއާވީފަރާތުން ލިބިފައިއޮތް ގޯތީގައި ހުރި މުސްކުޅިގެ ރޫޅައިލާ ބޭންކުން ލޯނެއްނަގައިގެން އަވަސްއަވަހަށް ތިންހަރަތު ބުރީގެ ހޮޓަލެއް އެޅީއެވެ. ރަށުތެރެއިން އެހެން މީހެއްގެ ގެއިން ބައެއް ކުއްޔަށްހިފައި އަނބިދަރިން އެ ތަނަށް ބަދަލުކުރީ އެއްގޮތަކަށް ވެސް އެ މީހުންނަށް ދެރައެއް ދޭކަށްނޫނެވެ. އަދި ކިއެއް ފައިސާގެ ތަނަވަސްކަން ލިބުމުން ފުރަމާލެއަށް ނޫނީ ޤައުމުން ބޭރަށް ބަދަލުކޮށް ރަނގަޅު ޠަޢުލީމާއި ދުޅަހެޔޮ ދިރިއުޅުމެއް ވެސް ހޯދައި ދިނުމަށެވެ.

އެހެނަސް ލިބޭނެ ކަމުގައި ދެކެވުނުގެ ނަތީޖާ މާކަށް ފޮންޔެއް ނުވިޔެވެ. ތިމާމެންގެ އަމިއްލަވަންތަކަން މަޑުމަޑުން ނެތެމުންދާން ފަށައިފިއެވެ. ކޮންމެކަމެއް ކުރިޔަސް އެކަމެއް އެއީ "ދޮން މީހުން" ރުހޭކަމެއްތޯ ބެލެވެންފަށައިފިއެވެ. ތިމާމެންގެ ހަމަހިމޭން ދިރިއުޅުން ހަލަބޮލިވެ ބުރަވާހެން އެބަހީވެއެވެ. ރަށުތެރެއަށް ނިކުމެ ހޭލިމޭލިވެ އުޅުނުއުޅުން ގޭގޭގެ ތެރެއަށް މަހުދޫދު ވެއްޖެއެވެ. މުޅިރަށުގައި "ދޮން މީހުން" އެ މީހުންގެ ދޮންކަން އެންމެ ރަނގަޅަށް ފެންނަހެން އެނބުރެންފަށައިފިއެވެ. އިރުގެ އަތްވާއި، ޖައްވުގެ ތާޒާ ވައިރޯޅިތައް ދޮން މީހުންނަށް ހިބަކޮށްދީފައި ރަށްވެހިން މިހާރު އެ ތިބީ ޑޭލައިޓް އެނާރޖީ ސޭވިންގ ބޮކިތަކާއި، އިންވާރޓަރ އޭސީ ތަކުގެ ދަށުގައި ތާށިވެފައެވެ. ކާފަ ނިޔާވުމުގެ ކުރިން ގެޔާ ދިމާލުން އަތިރިމަތީ ހަދާފައިހުރި ހިތްގައިމު ޖޯލިތައް ވާރުތަވީބަޔަކީ ދޮން މީހުންނޭ ހީވާކަހަލައެވެ. މުޅި އޮޑީގައި ހަސަނުގެ ދެފަޔެވެ.

ރާއްޖޭގެ ރީތިކަން ބަލައިލަން އަންނަ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް އައީ އިރުތުމަވުންނެވެ. ބައެއް ރަށްރަށުގައި އެރަށްރަށުގެ އަހުލުވެރިންނަށްވުރެ "ދޮން މީހުން" ގިނަވެއްޖެވެ. އަނެއްބައި ރަށްރަށުގައި ރަށްވެހިން ގިނަވި ނަމަވެސް، ބޭރަށް ނިކުމެ ގިނައިން އުޅެނީ "ދޮން މީހުން" ކަމުގައި ވެއްޖެއެވެ. އަނބި ދަރިން ގޮވައިގެން ނިކުމެ ބަލަން ނުކެރޭ މަންޒަރުތައް ކުރެހޭލެއް ގިނަކަމުންނެވެ. ރަށްރަށުގައި އެ މީހުންނަށް ޙާއްޞަ ވަކި ސަރަހައްދެއް ހެދިފައި އޮތަސް އެ އިންފާހަގަތައް ގިނަފަހަރު އޮންނަނީ ކައުންސިލް އޮފީހުގެ ދަފްތަރުގައެވެ. ރަށުގެ އެންމެ ޗާލު ތުނޑިއާއި އެ ތުނޑި ހިމެނޭ ސަރަހައްދު "ދޮން މީހުން"  މޫދަށް އެރެން ދީފައި، އެ ތަންތަނަށް ރަށްވެހިން ނުދިއުމަށް ކަމުވޮށިގެންވާ ބޭފުޅުން މެދުކަށިން ހިތްވަރު ނަންގަވައި މަސައްކަތްޕުޅު ކުރެއްވިޔަސް، ރަށްވެހިންގެ ތެރެއަށް "ދޮން މީހުން" އައިސް ގޮސްވުން ހުއްޓުވަން ހުރި ޤަވާއިދުތައް ތަންފީޒުކުރާނެ ގޮތެއް، އެ ޤަވާއިދު ހެއްދެވި ފަރާތްތަކަށް ވެސް ނޭނގުނެވެ. ނަތީޖާއަކަށްވީ ދިވެހި ފަސްގަނޑުން ނިރުފަޅާ ހެދެމުން އައި އައުޖީލުގެ ކުރިމަތީ "ދޮން މީހުން"ގެ ބަދު އަޚުލާޤީ ޘަޤާފަތް އިހުނަށްވުރެ ގަދަޔަށް ތަމްޞީލުވެގެން ދިއުމެވެ. ކުދިކުދި ލޯތަށް ބޮޑެތިވީ ފެނުނު މަންޒަރަކީ އާދަކާދަ ކަމުގައި ބަލައިގަންނަމުންނެވެ. ޒުވާން ސިކުނޑިތަކަށް ފިކުރު ވަމުންދިޔައީ މަޖަލާ އުފަލުގެ ވަގުތީ ޙަޔާތަކީ ދާއިމީ ދިރިއުޅުން ކަމުގައެވެ. "ދޮން މީހުން"  ދިހަބާރަ އަހަރު ކުރާމަސައްކަތުން އެއްކުރާ މަދު ފައިސާކޮޅު ހަފްތާއެއްގެ ތެރޭގައި ތަޅާ ބުރުއްސާލަނީކަމެއް އެ ކުދިންގެ ބުއްދިއަކަށް ނުވިސްނެއެވެ.

ފައިސާ ހިފައިގެން އައި މެހެމާނުންނަށް ޚިތުމަތް ކުރަން ނިކުތް ދިވެހި ޒުވާނުންގެ އުންމީދަކަށްވީ "ދޮން މީހުން"ގެ ކިބައިން ފެނުނު އެއްހަފްތާގެ ދިރިއުޅުން އެއީ މުޅި ޙަޔާތްކަމުގައި ހެދުމެވެ. ދިވެހިންގެ ތަރައްޤީކަމުގައި ބަލައިގަތް ރަންބިސް އަޅާ ކުކުޅު އެ ކަމަށް މަގުފަހިކޮށްދޭނެ ކަމުގެ ޔަޤީންކަން އެ ޒުވާނުންގެ ހިތްތަކުގައި ވަނީ ބިންވަޅު ނެގިފައެވެ. އެއީ ކާބަފައިންދެއްކި ދިވެހި ޘަޤާފަތާއި ރީތި އަގުތައް ނުފެނި ބޮޑެތިވި ލޯތަކެވެ. މަޖަލާ އުފާ ފިކުރުކުރި ސިކުނޑިތަކެވެ. ފައިސާއަށް ބަރޯސާވި ބުއްދިތަކެވެ. މި ޒުވާނާގެ މުސްތަޤުބަލު ބިނާކުރަން މާޟީގެ ފިލާވަޅުތަކުން ނެރެވުނު ނަތީޖާއަކީ ރަން ބިސް ލިބޭނީ ކުކުޅު ގިނަ ކުރީމައި ކަމެވެ. ކުކުޅު އަޅާ ބިހަށްވުރެ ވެއްޓޭ ތަފާވަރު ގިނަވެފައި ހުތުރު ވީކަމުގައި ވިޔަސް ފަރުވާލެއް ނެތެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *