ރާއްޖޭގެ ދެކުނުގެ ރަށެއްގައި ގްރޫޕް ހަދައިގެން އުމުރުން 22 އަަހަރުގެ ދިވެހި އަންހެނަކު ރޭޕްކޮށް، އިތުރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި 9 މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލާގައި މިހާތަނަށް ހައްޔަރުކުރީ މުޅިން ވެސް ދިވެހި ފިރިހެނުންނެވެ. އެ މީހުންގެ އުމުރާއި، ވަނަވަރާއި ފޮޓޯ ފުލުހުން އަދި އާންމެއް ނުކުރެ އެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ޓަކައި މާލޭން ހާއްސަ ޓީމެއް ފޮނުވާފައިވާ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ފުލުހަށް ހުށަހެޅީ 22 އަހަރުގެ އަންހެން މީހާ އެ ގްރޫޕުން ރޭޕްކުރި ކަމަށް ބުނާ މައްސަލައެވެ. ފުލުހުން ބުނި ގޮތުގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް އުޅޭކަން ފާހަގަކުރެވުނީ ފުލުހަށް ހުށަހެޅުނު މައްސަލައިގެ ތަހުގީގުގެ ތެރެއިންނެވެ.
ކުށުގެ ޝިކާރާގައި އަނިޔާ ލިބުނީ ކިތައް ކުދިންނަށް ކަމެއް އަދި މުޅިން ސާފެއް ނުވެ އެވެ.


