Monday, 26 October 2026

ރައީސް މާލެ ވަޑައިގެންފި؛ ވިދާޅުވީ ޕާކިސްތާނާއެކު މި އެޅުނީ ބަދަހި ބިންގަލެއް ކަމަށް

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެ ގައުމުގެ ވެރިރަށް އިސްލާމާމުއާބާދުން އެނބުރި މާލެ ވަޑައިގެންނެވީ ދެ ގައުމުގެ މެދުގައި އިތުރަށް ވަރުގަދަ އަދި ދެފަރާތަށް ފައިދާހުރި ބަދަހި ޕާޓްނަޝިޕްއެއްގެ ބިންގާ އެޅިއްޖެކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަމާއެކު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުން މިއަދު ހެނދުނު ފުރާވަޑައިގަންނަވަމުން ރައީސް ދިގު ޕޯސްޓެއް އެކްސްގައި ކުރެއްވިއިރު، މާލެ ވަޑައިގެންނެވުނީ މެންދުރުފަހުގެ ވަގުތެއްގައެވެ.

އެކްސްގައި ކުރެއްވި ހާއްސަ ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ އަނބިކަނބަލުންނާއި ވަފުދަށް ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީއާއި، ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފް، ސަރުކާރު އަދި އެ ގައުމުގެ އުޚުއްވަތްތެރި ރައްޔިތުންގެ ފަރާތުން އަދާކުރެއްވި ހޫނު މަރުހަބާއާއި ބެހެއްޓެވި ގާތްކަމަށްޓަކައި އިޚްލާސްތެރި ޝުކުރެއް އަދާކުރައްވާފައެވެ.

ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، މި ދަތުރުފުޅަކީ ރާއްޖެއާއި ޕާކިސްތާނުގެ ގުޅުމުގައި އާ ބާބެއް ފެށިގެންދިޔަ ތާރީޚީ ދަނޑިވަޅެކެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ނުހަނު އުސްމިންތަކަކަށް ގެންގޮސް، ޒަމާންވީ އެކުވެރިކަން ދެ ގައުމުގެ ރައްޔިތުންނަށް ފައިދާ ލިބޭނެ އިގްތިސާދީ ފުރުސަތުތަކަކަށް ބަދަލުކުރުމަށް ދެ ގައުމުން ވެސް އެއްބަސްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

  • މިލިއަން ޑޮލަރުގެ ވިޔަފާރި އަމާޒު: މި އާ ބާބުގެ އެންމެ މުހިންމު އަސާސަކީ މިހާރު އޮތް 13 މިލިއަން އެމެރިކާ ޑޮލަރުގެ ދެކޮޅު ވިޔަފާރި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން އެމެރިކާ ޑޮލަރަށް މަތިކުރުމަށް ކަނޑައެޅުނު އަމާޒަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

  • މާލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް: ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ރައީސް މުއިއްޒު ޝަރަފުވެރިކޮށްދެއްވި ބިޒްނަސް ފޯރަމަކީ އިންވެސްޓްމަންޓްތަކާއި ވިޔަފާރި ގުޅުންތައް އަމަލީ ގޮތުން ފެށުމަށް އެޅުނު ވަރުގަދަ ބިންގަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

  • 20 ފަހުމުނާމާ ބަދަލުކުރުން: ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު 20 އެއްބަސްވުމަކީ ހަމައެކަނި އުންމީދުތަކެއްގައި ނުތިބެ، އަމަލީ ގޮތުން ނަތީޖާ ނެރުމަށް ދެ ގައުމުން އަޒުމް ކަނޑައަޅާފައިވާކަމުގެ ސަރީހަ ހެކިތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މި ދަތުރުފުޅަކީ ފާއިތުވި 11 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ދައުލަތުގެ ރަސްމީ ދަތުރުފުޅެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *