Monday, 26 October 2026

މޯލްޑިވިއަނުން ކަރާޗީއާ ސީދާ ދަތުރުތައް ފަށާނެކަން ރައީސް އިއުލާން ކުރައްވައިފި

ގައުމީ އެއާލައިން މޯލްޑިވިއަނުން ވަރަށް އަވަހަށް މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފިއެވެ.

ރައީސް މިކަން އިއުލާންކުރެއްވީ ޕާކިސްތާނަށް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ޕާކިސްތާނުގެ ވިޔަފާރިވެރިންނާ އެކު މިރޭ ކުރިއަށް ގެންދިޔަ ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑުމެންގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން މާލެއާއި ކަރާޗީއާ ދެމެދު ދާދި އަވަހަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާކަން އުފަލާއެކު އިއުލާނުކުރަން، މި ހިދުމަތުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ ދަތުރުފަތުރުގެ ކަންކަން ފަސޭހަވެ، އާ ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތީ ޒަމާންވީ ގާތް އަދި އުޚުވަތްތެރި ގުޅުމެއް ކަމަށެވެ. ނަމަވެސް އެ ގުޅުން އިގުތިސޯދީ އަދި ވިޔަފާރީގެ ދާއިރާއިން ބަދަލުކުރެވިފައިވަނީ ވަރަށް ކުޑަކޮށް ކަން ރައީސް ފާހަގަކުރެއްވިއެވެ.

އިއްޔެ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު މަޝްވަރާކުރައްވައި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެ ގައުމުގެ ދެމެދު ކުރެވޭ ވިޔަފާރި 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އެއްބަސްވެވަޑައިގަތީ ވެސް އެހެންވެގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެކަމަކު ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށް ޓަކައި ދަތުރުފަތުރުގެ ކަނެކްޓިވީ ވެސް މުހިންމު ކަން ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޑައިރެކްޓް ފްލައިޓްތަކެއް ބޭއްވުމަށް ރައީސް ބާރު އެޅުއްވީ އެހެންވެގެންނެވެ. އިއްޔެ ދެ ގައުމު ގުޅިގެން ދެއްވި ބަޔާނުގައި ވެސް ރައީސް ވިދާޅުވީ މުސްލިމު ފަތުރުވެރިކަމެއް ދެ ގައުމުގެ ދެމެދު ކުރިއެރުވޭނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *