Monday, 26 October 2026

ފިލްމީ ތަރިންގެ މައްސަލަ ޕީޖީއަށް ފޮނުވައި ބަންދުން ދޫކޮށްލައިފި

މި މަހުގެ 8ވަނަ ދުވަހު މަސްތުވާތަކެތީގެ ތުހުމަތުގައި ވިލިމާލޭން ފުލުހުން ހައްޔަރުކުރި ފިލްމީ ތަރިންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މަސްތުވާތަކެތި ޓްރެފިކްކޮށް ވިޔަފާރިކުރުމާއި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އަހުމަދު އަޒްމީލް (އަޒޭ)، އިސްމާއިލް ޖުމައިހް، މުހައްމަދު ވިޝާލް (ރޯމަން) ހިމެނެ އެވެ. މި ތިން އެކްޓަރުންގެ އިތުރުން ދެން ހައްޔަރުކޮށްފައި ވަނީ އަޒްމީލްގެ ކޮއްކޮއެއް ކަމަށްވާ ޝާހިލް މުހައްމަދެވެ.

މި ހަތަރު މީހުންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ފޮނުވުމާ އެކު އޭގެ ތެރެއިން ތިން މީހުން ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ދެން ބާކީ ހުރި މީހާ ވެސް މިއަދުގެ ވަގުތެއްގައި ބަންދުން ދޫކޮށްލާނެ ކަމަށް ފުލުހުން ބުންޏެވެ.

އަދި ޝަރީއަތަށް މައްސަލަ ހުށަހެޅުމުން އިތުރަށް ހައްޔަރުގައި ބަހައްޓަން ޖެހޭ ކަމަށް ކޯޓުން އަމުރު ކޮށްފިނަމަ އެ ގޮތަށް އަމަލު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

މި ހަތަރު މީހުންގެ ތެރެއިން ކުށުގެ ރެކޯޑެއް ކުރިން ނެތީ ވިޝާލްގެ އެކަންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *