Monday, 26 October 2026

ކަރަންސީ ސުވޮޕާއި ޑިޖިޓަލް ފައިސާގެ ނިޒާމު ގުޅުވާލުމަށް ރާއްޖެ އާއި އިންޑިއާއިން މަޝްވަރާކޮށްފި

އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން އިންތިޒާމުކޮށްގެން ބޭއްވި "ސަމްވާދް 2026″ ސެމިނާގެ ހަވާސާގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރނަރު އަޙްމަދު މުނައްވަރު، އާރްބީއައިގެ ގަވަރނަރު ސަންޖޭ މަލްހޯތުރާއާ ބައްދަލުކުރައްވައިފިއެވެ.

ނިއު ދިއްލީގައި މިދިޔަ ހޯމަ ދުވަހު ބޭއްވި މި ބައްދަލު ކުރެއްވުމުގައި، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް މާލީ އެއްބާރުލުން އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި އިންޑިއާއިން ދޫކޮށްފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސުވޮޕް ފެސިލިޓީގެ ފުރަތަމަ ރޯލްއޯވާއަށް އެމްއެމްއޭ ގަވަރުނަރު ވަނީ އާރްބީއައިއަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް (ޔޫޕީއައި) އާއި ރާއްޖޭގެ ފަވާރާ ޕޭމަންޓް ސިސްޓަމް ގުޅުވާލުމުގެ މަސައްކަތުގެ ކުރިއެރުމާ މެދު ދެ ބޭންކުގެ ގަވަރނަރުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި މަޝްވަރާތަކުގެ ތެރޭގައި 2027 ވަނަ އަހަރުގެ ފުރަތަމަ ކޮޅު ޕާސަން-ޓު-މާޗަންޓް (ޕީ2އެމް) ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ރަސްމީކޮށް ފެށުމާ ބެހޭ ގޮތުން ވާހަކަ ދެކެވުނެވެ. މި ނިޒާމު ގުޅުވާލުމުން ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ފަސޭހަވެ، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި މުއާމަލާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *