ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވަމުންދާ ދައުލަތުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި ހާއްސަ "ބިޒްނަސް ފޯރަމް" އެއް ބޭއްވުމަށް ނިންމައިފިކަން ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން އިއުލާނުކޮށްފިއެވެ.
ޕާކިސްތާނުގެ އިސްލާމާމުއާބާދުން ހާމަކުރި ގޮތުގައި، މި ފޯރަމްގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން އާ ފުރުސަތުތައް ހޯދައިގަތުމެވެ. ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ގިނަ އަދަދެއްގެ މުހިންމު އެއްބަސްވުންތަކާއި ފަހުމުނާމާތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި:
-
ސީދާ ދަތުރުތަކާއި ސިއްހަތު: ދެ ގައުމުގެ މެދުގައި ސީދާ ވައިގެ ދަތުރުފަތުރު ފެށުމާއި، ސިއްހީ ދާއިރާ، މަތީ ތައުލީމު، ރިސާޗް އަދި ދިފާއީ އެއްބާރުލުން ދިނުން.
-
މާލީ އަދި ޓެކްނޮލޮޖީ: ފައިނޭންސް، ޓެކްނޮލޮޖީ، މަޖިލީހުގެ ގުޅުންތައް އަދި މީޑިއާ ދާއިރާއިން ގުޅުން ބަދަހިކުރުން.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އަދި ރައީސް އާސިފް އަލީ ޒަރުދާރީއާ ބައްދަލުކުރައްވައި ދެ ގައުމުގެ ސިޔާސީ، އިގްތިސާދީ އަދި ސަރަހައްދީ ގުޅުންތަކާ މެދު މަޝްވަރާ ކުރައްވާނެއެވެ.
މީގެ އިތުރުން ފަތުރުވެރިކަން، ދަނޑުވެރިކަން، ކަނޑުގެ ސަލާމަތްތެރިކަން، މޫސުމަށް އަންނަ ބަދަލުތައް އަދި އުންމީދުތަކާ ގުޅޭގޮތުން ޔުނައިޓެޑް ނޭޝަންސް ނުވަތަ އެެކުވެރި ދަައުލަތްތައް (އދ.) ގެ އިތުރުން އިސްލާމީ ގައުމުތައް ހިމެނޭ ބައިނަލްއަގުވާމީ ޖަމިއްޔާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް (އޯއައިސީ) ފަދަ ބައިނަލްއަގުވާމީ ޖަމިއްޔާތައް މެދުވެރިކޮށް އެއްބާރުލުން ދިނުމާމެދު މަޝްވަރާ ކުރެވޭނެއެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ދެކުނު އޭޝިއާގެ ގައުމުތަކުން ބައިވެރިވާ ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަން (ސާކް) އަލުން ހަރަކާތްތެރިކުރުމަށް ރާއްޖޭން މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ތައްޔާރަށް އޮތް ކަމަށް އެމަނިކުފާނު އިއުލާންކުރައްވާފައި ވަނިކޮށް ކުރައްވާ ދަތުރުފުޅެކެވެ. އިންޑިއާ އަދި ޕާކިސްތާނަކީ ތާރީހީ ބައިބައިވުންތަކާއި ހިޔާލުތަފާތުވުންތަކެއް އޮތް ދެ ގައުމެކެވެ.
މިއީ 2015 ވަނަ އަހަރު ކުރީގެ ރައީސް އަބްދުއްﷲ ޔާމީން ޢަބްދުލްޤައްޔޫމް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަށްފަހު ދިވެހިރާއްޖޭގެ ރައީސަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މިއީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިކަމުގެ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ވެސް ކުރައްވާ ތާރީހީ ދަތުރުފުޅެކެވެ.


