ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގުމަށް ހުށަހަޅާފައިވާ މެރީނާ އަދި ރިއަލް އެސްޓޭޓް މަޝްރޫއަކީ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.22ގެ (ނ) ގެ ދަށުން އަމިއްލަ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލް (ޕްރައިވެޓް ސެކްޓާ އިނިޝިއޭޓެޑް ޕްރޮޕޯސަލް) އުސޫލުގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުއްﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ސުވާލުތަކަކަށް ލިޔުމުން ދެއްވި ޖަވާބުގައި، މިނިސްޓަރު މުއްތަލިބު ވަނީ މި މަޝްރޫއުގެ ތަފްސީލުތައް ހާމަކުރައްވާފައެވެ.
އެގޮތުން ފާހަގަކުރެއްވި މުހިންމު ނުކުތާތައް:
-
މާލީ މަންފާ: މި މަޝްރޫއުގެ ދަށުން ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ދައުލަތަށް ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ޑިވެލޮޕަރުގެ ޖުމްލަ އާމްދަނީގެ 10 އިންސައްތަ ލޭންޑްޕްރީމިއަމްގެ ގޮތުގައި ދައުލަތަށް ލިބޭނެއެވެ.
-
ހައުސިން މަޝްރޫއު: މި އެއްބަސްވުމުގެ ދަށުން ކުރިއާލާ ދައްކާ ފައިސާ ނުވަތަ އެޑްވާންސްގެ ގޮތުގައި ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އެޅުމުގެ ހައުސިން މަޝްރޫއަކަށް 500 މިލިއަން ޑޮލަރު ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަައުސިން ޔުނިޓްތަކުގެ ކުލި އީގަލް ހިލްސްއަށް ދޭން ފުރަތަމަ ވާހަކަ ދެކެވުނު ނަމަވެސް އެ ހަރަދު ރަސްމާލެ ޕްރޮޕަޓީތަކުގެ ކުލިން ހޯދަން ޖެހޭ ގޮތަށް ފަހުން ވަނީ ވާހަކަ ދެކެވިފައެވެ.
-
ބޭރު ފައިސާގެ މުއާމަލާތްތައް: މި މަޝްރޫއުގެ ދަށުން ހިންގޭ މުއާމަލާތްތަކާއި ކޮންޓްރެކްޓަރުންނަށް ފައިސާ ދެއްކުން ފަދަ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް، އެމްއެމްއޭގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
-
ބިން މިލްކުކުރުމެއް ނެތް: މި މަޝްރޫއުގެ ދަށުން އެއްވެސް ބިމެއް ބޭރުގެ ފަރާތްތަކަށް މިލްކުކޮށް (ފްރީހޯލްޑްކޮށް) ނުދެވޭނެ ކަމަށާއި، ހުރިހާ ކަމެއްވެސް ހިންގާނީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރަސްމާލޭގައި ވޯޓާ ފްރޮންޓަކާއި މެރިނާއެއް ހިމެނޭ ގޮތަށް ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ވިޔަފާރިއެއް ކުރެވޭ ގޮތަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް އީގަލް ހިލްސްއިން ކުރެއެވެ. އެ މަޝްރޫއަކީ އީގަލް ހިލްސްއިން ޕްރޮޕޯސްކުރި މަޝްރޫއެއް ކަން ހައުސިން މިނިސްޓަރު މުއްތޮލިބް ފާހަގަކުރެއްވީ އެ މަޝްރޫއު ހިންގުމަށް ބީލަމަށް ލާފައި ނުވާތީ އިދިކޮޅު ފަރާތްތަކުން ފާޑުކިޔުން އަމާޒުކޮށްފައިވާ ދަނޑިވަޅެއްގައި، އެ ސުވާލު މެންބަރު މުހައްމަދު ިއިބްރާހީމް ވެސް ކުރައްވާފައިވާތީއެވެ.
އީގަލް ހިލްސްއަކީ ދުބާއީ މޯލާއި ބުރްޖް ހަލީފާ ޓަވަރު ފަދަ އުމްރާނީ ބޮޑެތި މަސައްކަތްތައް ކޮށްފައިވާ އިމާރު ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރުގެ ރިއަލް އެސްޓޭޓް ވިޔަފާރީގެ ކުންފުންޏެވެ.


