ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ކުއްޔަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ހުއްޓުވުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅުއްވި ގާނޫނީ ވަކީލު އަލީ ހުސައިން މި މައްސަލައިގައި ބަޔާންކޮށްފައިވަނީ، 99 އަހަރުގެ މުއްދަތަށް އެ ބިން ކުއްޔަށް ދިނުމަށް ނިންމާފައިވާ ނިންމުމަކީ ގާނޫނުއަސާސީގެ 250 ވަނަ މާއްދާއާ ހިލާފު ނިންމުމެއް ކަމަށެވެ.
އެހެންކަމުން، މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން، ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ އަމަލީ މަސައްކަތްތައް މަޑުޖައްސާލުމުގެ އަމުރަކަށް އެ މައްސަލައިގައި ވަނީ އެދިފައެވެ.
މީގެ އިތުރުން، ރަސްމާލޭގެ އެއްވެސް ބިމަކާ ގުޅޭގޮތުން އެއްވެސް ހައްގެއް ނުވަތަ މަންފާއެއް އުފެދިދާނެ އެއްވެސް ފިޔަވަޅެއް އީގަލް ހިލްސް ނުވަތަ ތިންވަނަ ފަރާތަކުން ވެސް އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވަނީ އެދިފައެވެ.
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއު ތަރައްގީ ކުރުމަށްޓަކައި ސަރުކާރުން ދާދި ފަހުން ވަނީ އީގަލް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ. ނަމަވެސް، މި އެއްބަސްވުމުގެ ދަށުން ދޫކުރާ ބިމުގެ ބޮޑުމިނާއި އެއްބަސްވުމުގެ ޝަރުތުތަކާ ގުޅިގެން ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


