Monday, 26 October 2026

އިމާރާތްކުރުމާއި މަގުތަކުގައި މަސައްކަތްކުރާއިރު ކޭބަލްތަކަށް ގެއްލުން ނުވާނެހެން މަސައްކަތް ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

މަގު ކޮނުމާއި އިމާރާތްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ހައި-ވޯލްޓޭޖް ކޭބަލްތަކަށް ގެއްލުންވެ ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ދެ ހާދިސާއެއް ހިނގުމާ ގުޅިގެން، އެފަދަ މަސައްކަތްތައް ކުރާ ފަރާތްތަކުން ސަމާލުވުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އަނެއްކާވެސް އިލްތިމާސްކޮށްފިއެވެ.

ސްޓެލްކޯއިން ހާމަކުރި ގޮތުގައި މީގެ ތެރެއިން އެއް ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހު ހުޅުމާލެ ފޭސް 1 ގައެވެ. އެއީ އަމިއްލަ ފަރާތަކުން ކުރިއަށްގެންދިޔަ ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ލިބިގެންނެވެ. މީގެ އިތުރުން ވޭތުވެދިޔަ ބުރާސްފަތި ދުވަހުވެސް މިފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށާއި، މިއީ ބިމުގެ އަޑީގައި އަޅާފައިވާ ކަރަންޓު ވިއުގައަށް ތަކުރާރުކޮށް ކުރިމަތިވަމުންދާ ނުރައްކަލެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މަގުތައް ކޮނުމާއި މަގުމަތީގެ މަސައްކަތްތައް ކުރާ އެންމެހާ ފަރާތްތަކުން މަސައްކަތްތައް ރަނގަޅަށް ޕްލޭންކުރުމަށާއި، މަގުތަކުގެ އަޑީގައިވާ ކަރަންޓު ކޭބަލްތައް ރައްކާތެރިކުރުމުގެ ޒިންމާ ނެގުމަށް ސްޓެލްކޯއިން ވަނީ ގޮވާލާފައެވެ.

އެ ކުންފުނިން ބުނީ ކަރަންޓުގެ އިންފްރާސްޓްރަކްޗާއަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ކަރަންޓުގެ ހިދުމަތް މެދުކެނޑި، އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. އެހެންކަމުން އިމާރާތްކުރުމާއި މަގުތަކުގައި މަސައްކަތްކުރާއިރު ބިމުގެ އަޑީގައިވާ ކޭބަލްތަކަށް ގެއްލުން ނުވާނެހެން އިތުރަށް ސަމާލުވެ ރައްކާތެރިވުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *