Monday, 26 October 2026

މެލޭޝިއާގައި އުޅޭ ދިވެހިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސަނީ

މެލޭޝިއާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާއި އެހެނިހެން ދިވެހިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ފިޔަވަޅުތަކެއް އަޅުއްވައިދެއްވާނެ ކަމުގެ ޔަގީންކަން އެގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޕީއެސްއެމްގެ "ނޭޝަނަލް ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ދިވެހި ސަރުކާރުގެ ދައުވަތަކަށް ބޮޑުވަޒީރު އަންވަރު ދާދިފަހުން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް އަލިއަޅުއްވާލައްވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މި ދަތުރުފުޅުގައި ބޭއްވުނު މަޝްވަރާތަކުގައި މެލޭޝިއާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ބޭނުންވާ ޚިދުމަތްތައް ހޯދުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން ވަނީ ވާހަކަދެކެވިފައެވެ. މިހާރުވެސް މެލޭޝިއާގައި ގާތްގަނޑަކަށް 2،700 ދިވެހި ދަރިވަރުން ކިޔަވަމުންދާއިރު، އާއިލާތަކާއެކު އެގައުމުގައި ދިރިއުޅޭ ދިވެހިންގެ އަދަދު 6،000 އަށްވުރެ މައްޗަށް އަރައެވެ.

މީގެއިތުރުން ވަކި ދާއިރާތަކަކުން ދިވެހި ދަރިވަރުންނަށް އިންޓާންޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުމަށާއި، ޚާއްސަކޮށް މެޑިކަލް ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ބޮޑުވަޒީރު އަންވަރު ވިދާޅުވި ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ދެ ގައުމުގެ ދެމެދުގައި ހުށަހެޅިފައިވާ 100 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް އެރޭންޖްމަންޓް އަވަސްކުރުމަށާއި، ދެފަރާތުގެ ވިޔަފާރި ފަސޭހަކުރުމަށް ޕްރިފަރެންޝަލް ޓްރޭޑް އެރޭންޖްމަންޓެއް ނުވަތަ އެފަދަ އޮނިގަނޑެއް ގާއިމުކުރުމުގެ މަޝްވަރާތައް ކުރިއަށްގެންދިއުމާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ ވާހަކަދައްކަވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ އިގްތިސާދީ ގުޅުންތައް ވަރުގަދަކުރުމަށާއި، އިންވެސްޓްމަންޓް ފުރުސަތުތައް އިތުރުކުރުމަށާއި، ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން އެއްބާރުލުން ފުޅާކުރުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެއްބާރުލުން ދިނުމަށާއި، މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީއަށް ދިމާވާ ދަތިތައް ހައްލުކުރުމާ ބެހޭގޮތުންވެސް ދެ ގައުމުގެ ދެމެދުގައި ވަނީ މަޝްވަރާކުރެވިފައެވެ. އަދި ދިވެހި ސަރުކާރުން ފާހަގަކުރި ކަންކަމަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު އަންވަރު ދެއްވި ކަމަށާއި، މެލޭޝިއާއަކީ ރާއްޖެއަށް ވަރަށް މުހިންމު ބައިވެރިއެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ޖޮއިންޓް ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *