އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ދީނީ ޖަމިއްޔާތަކާއެކު ބާއްވާ އަހަރީ ބައްދަލުވުން މިއަދު ފަށައިފިއެވެ. އިސްލާމީ މަރުކަޒުގައި ކުރިއަށްދާ މި ބައްދަލުވުމުގައި 53 ޖަމިއްޔާއަކުން 60 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.
މި ބައްދަލުވުން ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ދީނީ ދައުވަތު ފެތުރުމުގެ ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާތަކުގެ މެދުގައި އެއްބާރުލުން އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި މިނިސްޓްރީން ދީނީ ޖަމިއްޔާތަކާއެކު ގާތުން މަސައްކަތްކޮށް، އެ ފަރާތްތަކުގެ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން، އިސްލާމިކް ސްޓޫޑިއޯތަކާއި ގުރުއާން ކްލާސްތަކަށް ބޭނުންވާ ސާމާނު ފަދަ ވަސީލަތްތައް ހޯދުމަށް ޖަމިއްޔާތަކަށް އެހީވުމުގެ ގޮތުން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި 1.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ހަރަކާތްތެރިކަމާއެކު މަސައްކަތްކުރާ ޖަމިއްޔާތަކަށް ދެމެހެއްޓެނިވި މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މައުޟޫއަކީ "21 ވަނަ ގަރުނުގައި އިސްލާމީ ދައުވަތު" އެވެ. އަދި ބައްދަލުވުމުގެ ބައިވެރިން ދީނީ ދައުވަތު ފެތުރުމުގައި ދިމާވާ ގޮންޖެހުންތަކާއި އެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.


