Monday, 26 October 2026

ވީޑިއޯއިން ފެންނަނީ ވެރިފަރާތުން ޒިންމާ އުފުލާފައި ނުވާތީ، ނައްތާލުމުގެ ހުއްދަ ލިބިފައިވާ ސައިކަލުތަކެއް: ފުލުހުން

ޕިކަޕަކުން ސައިކަލުތަކެއް ބިންމައްޗަށް އުކާލާ މަންޒަރު ފެންނަ ވީޑިއޯއަކާ ގުޅިގެން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދާތީ، އެއީ ޤާނޫނީ އަދި އިދާރީ ހުރިހާ މަރުހަލާތަކެއް ފުރިހަމަކޮށް ނައްތާލުމަށް ހުއްދަ ދީފައިވާ ވެހިކަލްތަކެއް ކަމަށް ފުލުހުން ސާފުކޮށްދީފިއެވެ.

އާންމުވި ވީޑިއޯގައި ޕިކަޕެއްގެ މަތިން ސައިކަލުތަކެއް ބިންމައްޗަށް ވައްޓާލާތަން ފެނުމާ ގުޅިގެން، އެ ތަކެއްޗާމެދު އެގޮތަށް އަމަލުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.

ފުލުހުން ވިދާޅުވީ، އެ ސައިކަލުތަކަކީ ޓޯވ ކުރުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވެރިފަރާތުން ޒިންމާ އުފުލާފައި ނުވާތީ ނައްތާލުމަށް ނިންމާފައިވާ ތަކެތި ކަމަށެވެ. އަދި އެ ތަކެއްޗަކީ ނައްތާލުމަށް ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއާތުތަކެއް ފުރިހަމަކޮށް، ރަސްމީކޮށް ހުއްދަ ލިބިފައިވާ ވެހިކަލްތަކެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ސައިކަލުތަކަކީ ހުޅުމާލެ ފޭސް 2 އިން ފުލުހުންގެ އައު ޓޯވ ޔާޑަކަށް ގެންދިއުމަށްފަހު، ކުނީގެ ގޮތުގައި ތިލަފުއްޓަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަކެތި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މާލެއާއި ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ހިނގާބިނގާވެ އުޅެން ފަސޭހަ ތަންތަނަށް ހެދުމުގެ ގޮތުން ގަވާއިދާ ޚިލާފަށް ޕާކުކުރާ ވެހިކަލްތައް ޓޯވ ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ހަނި ގޯޅިތަކާއި، މިސްކިތްތަކާއި، ސްކޫލްތަކާއި ހޮސްޕިޓަލްތައް ކައިރީގައި އަދި ޕޭވްމަންޓްތަކަށް ދަތިވާ ގޮތަށް ޕާކުކުރާ އުޅަނދުތައް ހިމެނެއެވެ.

މީގެއިތުރުން ރަޖިސްޓްރީ ނުކުރާ ވެހިކަލްތަކާއި އާންމު މަގުތަކަށް ދޫކޮށްލާފައިވާ އުޅަނދުތައް ވެސް ޓޯވ ކުރެވޭނެއެވެ. ޓޯވ ކުރާ ވެހިކަލްތައް އަނބުރާ ލިބޭނީ ޖޫރިމަނާއާއި، ޓޯވ ފީ އަދި ސްޓޯރޭޖް ފީ ދެއްކުމަށްފަހު ލިޔެކިޔުންތައް ފުރިހަމަކުރުމުންނެވެ. ފުލުހުން ވަނީ ކަނޑައެޅިފައިވާ ޕާކިންގ ޒޯންތަކުގައި އެކަނި ވެހިކަލް ޕާކުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *