މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި އެ ދާއިރާއަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށްދިޔައީ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި އދ. އާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެވިދާނެ އެކި ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މޫސުމަށް އަންނަ ބަދަލުތަކާއި، އޭގެ ސަބަބުން ޤައުމުތަކަށް ކުރިމަތިވަމުންދާ ދަތިތަކާ ގުޅޭގޮތުންނެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް ވަނީ މޫސުމީ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށް ކުރެވޭ ބައިނަލްއަޤްވާމީ މަސައްކަތްތައް ހަރުދަނާކުރުމުގައި ރާއްޖެއާއެކު މަސައްކަތްކުރުމަށް ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފައެވެ.
މީގެއިތުރުން، ކަނޑުގެ ލޮނގަނޑު އުފުލުމާއި މޫސުމީ ނުރައްކާތަކުގެ ސަބަބުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނާޒުކު ހާލަތްތައް އދ. އިން ފާހަގަކުރިއެވެ. އަދި މިފަދަ ގޮންޖެހުންތަކަށް އިޖާބަދިނުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އެހީތެރިކަން އިތުރަށް ބޭނުންވާކަން ވެސް މަޝްވަރާގައި ފާހަގަކުރެވުނެވެ.
ނައިބު ރައީސް ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ދަތިތައް ފާހަގަކުރައްވައި، އެފަދަ ޤައުމުތަކަށް ބައިނަލްއަޤްވާމީ މާލީ އެހީތެރިކަން ލިބުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި އދ. އިން ކުރަމުންދާ ވަކާލާތުތަކަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދުނިޔޭގެ މިހާރުގެ މަސްރަޙަށް އަލިއަޅުވާލައްވައި، ފަލަސްޠީނުގެ ހާލަތާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.


