އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައިލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި އދ. ގެ އާންމު ބަހުސްގައި ދިވެހިރާއްޖޭގެ ފަރާތުން ރަސްމީ ބަޔާން އިއްވަވާނީ ނައިބު ރައީސެވެ. މީގެއިތުރުން އެކި ގައުމުތަކުގެ ވެރިންނާއި މަންދޫބުންނާ އެކު ބާއްވަވާ މަޝްވަރާތަކާއި ބައްދަލުވުންތަކުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އާންމު ބަހުސް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގެ އިތުރުން ހައިލެވެލް ހަފްތާގެ ހަވާސާގައި ކުރިއަށްދާ އެކި އިވެންޓުތަކުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް އޮފީހުން ފާހަގަކުރެއްވި ގޮތުގައި މި ދަތުރުފުޅަކީ އެކި ގައުމުތަކުގެ ވެރިންނާ އެކު ގުޅުން ބަދަހިކޮށް، ބައިނަލްއަގުވާމީ ގޮތުން މުހިންމު މައްސަލަތަކާ ގުޅޭގޮތުން ބާއްވާ މަޝްވަރާތަކުގައި ދިވެހިރާއްޖެއަށް ބައިވެރިވުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަނަކީ ދުނިޔޭގެ ލީޑަރުންނާއި މެންބަރު ގައުމުތަކުގެ މަންދޫބުން އެއްތަނަކަށް އެއްވެ، ދުނިޔެއަށް ދިމާވެފައިވާ މުހިންމު ކަންކަމާ މެދު މަޝްވަރާކުރާ މުހިންމު ޕްލެޓްފޯމެކެވެ.
ހަފްތާއެއްގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ނިއުޔޯކަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.
ރަސްމީ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.


